13 މާޗް 2025 - 23:21

އެޗްުޑީސީ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ގުޅިގެން އަންނަ ހޮނިހިރު ދުވަހު ރޯދަވީއްލުމެއް ބާއްވަން ނިންމައިފި އެވެ.
"އަވައްޓެރި ރޯދަ ވީއްލުން" ގެ ނަމުގައި ބާއްވާ އެ ހަރަކާތުގެ ބޭނުމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީން މިރޭ ބުންޏެވެ.
މި ރޯދަމަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެގޮތަށް ރޯދަ ވީއްލުން ބާއްވަން ވަނީ ނިންމައިފަ އެވެ.
އެ ހަރަކާތުގެ ދަށުން މި އަހަރުގެ ފުރަތަމަ ރޯދަވީއްލުން އޮންނާނީ، ހުޅުމާލެ 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، 'ރަނައުރާ މަގު' ގައި ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ މާކެޓިން ހެޑް ހަސަން ޝަހީދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް އެޗްޑީސީ އަށް އެއްބާރުލުންދޭ ބައެކެވެ. މި ރޯދަވީއްލުން ވެސް ކުރިއަށް ގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ބުންޏެވެ.