ރައްދު ނުކުރެވުނު އަމާނާތް
ރައްދު ނުކުރެވުނު އަމާނާތް

މޫސުން ވަރަށް ރީއްޗެވެ. ކަނޑު މަޑުވެފައި ނަލަ ރޯޅިއެއް ޖެހެމުންދިޔަ ދުވަހެކެވެ. ނޫ އުޑުގެ ބައެއް ހިސާބުގައި ހުރި ކޮތަރިވިލާ ވެސް ހެކިދިނީ އެ ދުވަހަކީ ދަތުރުކުރަން އަމާން ދުވަހެއްކަމަށެވެ. އަހަރެން އިނީ، ބާރު އިސްޕީޑެއްގައި ދަތުރުކުރަމުންދިޔަ ލާންޗެއްގައެވެ. ހީވަނީ ތާރުއަޅައިފައިވާ މަގެއްގައި ދުއްވައިފައިދިޔަ ކާރެއްހެންނެވެ. ފޯނުގެ ރަނގަބީލުވިއެވެ. ބަލައިލިއިރު މަދީހާގެ ކޯލެކެވެ. އޭނައަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ފޯނު ނަގައިފިއްޔާ ލާންޗުގެ އަޑު އިވޭނެތީއެވެ. އޮފީސް ވަޒީފާގެ އިތުރުން ދެން އަހަރެން ކުރާ މަސައްކަތަކީ މަދީހާ މާ ގަޔާވާކަމެއް ނޫނެވެ. އަހަރެން އުޅޭނޫޅޭ ތަން އޭނަ ބަލަނީ އަހަރެން ކުރާނުކުރާ ކަންތައް ބެލުމަށްޓަކައެވެ.

"މީޓިން،" އަހަރެން މެސެޖެއް ލިޔެލީމެވެ. "ގުޅާނަން!"

ރަށަށް ލެފުނުއިރު މެންދުރު ވެއްޖެއެވެ. އަހަރެން ފުރަތަމަ ދިޔައީ މިސްކިތަށެވެ. ނަމާދުކޮށް އަވަދިވެގެން ރަމީޒުގެ ގެއަށް މިސްރާބުޖެހީމެވެ. ރަމީޒަކީ އަހަރެންގެ އެކުވެރިއެކެވެ. މުސްކުޅިބައްޔޭ ބުނާ އުމުރަކަށް އޭނަ ނުދެއެވެ. އެކަމަކު އޭނަ ވަރަށް ބައްޔެވެ. އެއްގޮތް މާ ގިނަ ކަންތައްތަކެއް ނެތަސް، އެއް ވިސްނުމެއް އަހަރުމެން ހިއްސާކުރި ދުވަސްވަރެއް ދިޔައެވެ. އެއީ، އަހަރުމެން ސިހުރު ދަސްކުރި ދުވަސްވަރެވެ. ރަމީޒު މާލޭގައި ހުރި ދުވަސްވަރެވެ. އޭނަ ބޭނުންވީ އަންހެންކުދިންގެ ހިތް އަތުލާށެވެ. އަހަރެން ބޭނުންވީ ވަޒީފާގެ ކުރިއެރުމެވެ. އަހަރުމެން އެކަކުއަނެކަކަށް އެ ފަންނުގައި އެހީތެރިވީމެވެ. ރީތި އަންހެންކުދީންގެ ހިތް ރަމީޒަށް ސިކާރަކޮށްދިނުމުގައި އަހަރެން މަސައްކަތްކުރީ، އަމިއްލައެދުމެއް ނެތިއެވެ. ބަދަލުގައި، ރަމީޒު އެންމެ އިތުބާރުކުރާ މީހާގެ މަޤާމު އަހަންނަށް ލިބުނެވެ.

ވަޒީފާގައި އަހަރެން ދާން ބޭނުންވި ހިސާބަށް ދެވުނެވެ. ރަމީޒު ބޭނުންވި "ލަނޑުދަނޑިތައް" އޭނަ ހާސިލުކުރިއެވެ. އަހަރެންގެ ހިތް ފުރުނެވެ. ސިހުރުގެ ނުބައިކަން އަހަންނަށް ވިސްނި، އެ ކަމުން ސަލާމަތްވީމެވެ. ރުޤްޔާ ދަސްކޮށްގެން މީހުންނަށް އެހީތެރިވާން ފެށީމެވެ. އެއީ މަދީހާ ވަރަށް ބިރުގަންނަ ކަމެކެވެ. އޭނަ ހީކުރަނީ ޖިންނީންގެ ފަރާތުން އަހަންނަށް ބޮނޑިއެއް ލިބިދާނެކަމަށެވެ. ރަމީޒުގެ ހިތެއް ނުފުރުނެވެ. އެތައް ކުދީންނެއްގެ ހިތާ އޭނަ ކުޅުނެވެ. ތިމާގެ އުމުރަށް ވުރެ ހަގު ކުދިންނާ ކައިވެނި ކުރުމަކީ ރަމީޒުގެ ހޮބީއަކަށް ވިއެވެ. އެތައް ކައިވެންޏެއް ކުރިއެވެ. އެތައް ދަރީންނެއް ހޯދިއެވެ. އެކި ކަހަލަ ކަންކަމުގައި އެތައް ބަޔަކަށް ސިހުރުހަދައިދިނެވެ. ސިހުރަށް ވުރެ މުހިންމު އެހެން އެއްޗެއް ރަމީޒަކަށް ނުވިސްނުނެވެ. އެނބުރި ނާދެވޭ ވަރަށް އޭނަޔަށް މަގު އަނދިރިވީއެވެ.

ގޭގެ ދޮރުމައްޗަށް އަރައިފައި އަހަރެން ސަލާމް ގޮވައިލީމެވެ. ޖަވާބެއް ނުލިބުނެވެ. މީހަކާ ދިމައެއް ނުވިއެވެ. ދެ ފަހަރަކު ސަލާމް ގޮވައިލައިފައި އެތެރެއަށް ވަނީމެވެ. އިހުޒަމާނުގެ ބޮޑު ގެއެކެވެ. ހިރަފުސް ފޮޅައިލި ދުވަހެއް ނޭނގެއެވެ. އެ ގެއަކު ދިރުމެއް ނެތެވެ. އުފާވެރިކަމެއް ނެތެވެ. ހަތަރު ފަރާތުން އަހަންނަށް ފެނުނީ ވީރާނާކަމެވެ. އެކަނިވެރިކަމެވެ.

"ވައަލައިކުމް ސަލާމޭ، ވައަލައިކުމް ސަލާމޭ،" ބަލި އަޑަކުން ރަމީޒު ބުނެލި އަޑު އިވުނެވެ. "މި އޮތީއޭ މަ."

ރަމީޒުގެ އަޑުއިވުނު ދިމާއަށް އަހަރެން ދިޔައީމެވެ. އަހަރެން ހީކުރި ވަރަށްވުރެ ވެސް އޭނަ ފެނުނީ ބަލިކޮށެވެ. އެކަނިވެރިކޮށެވެ. ގާތުގައި އަންބެއް، ދަރިއެއް، އެހީތެރިއެއް ނެތެވެ. މެއްސެއް މަދިރިއެއް ވެސް އެ ގެއަށް ވަންނަން ބޭނުން ނުވާ ކަހަލައެވެ. ރަމީޒުގެ އަތްފޯރާފަށުގައި ކާއެއްޗެހި ހުއްޓެވެ. އެކަމަކު ކެވޭ ކަހަލަ އެއްޗެއް ނެތެވެ. އޭނަގެ މޫނު އާދަޔާ ޚިލާފަށް ކަޅެވެ. އިސްކޮޅުން ކުޑަހެން ވެސް ހީވިއެވެ. ހަށިގަނޑުގެ ބައެއް ހިސާބުގައި ވާތްގެއް ނެތެވެ. އަހަރެން ފެނުމާއެކު އޭނައަށް ރޮވުނެވެ.

"އެންމެން އަހަރެން ދޫކޮށްލާފަ ދިޔައީ،" ވަރަށް މަސައްކަތުން ރަމީޒު ބުންޏެވެ. "އަވަށްޓެރިއަކު ވެސް ގެއަށް ވަދެނުލާ!"

އެހެން ވެދާނެކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. ރަމީޒު އުންމީދުކުރި ވަރަށް މީހުން ނުވަންނަނީކަމަށް ވެދާނެއެވެ. އެހެންނޫނީ ރަމީޒުގެ ހަނދާން ބަލީއެވެ.

"ދެން ކާކު ކާއެއްޗެހި ގެނެއްސަ މިހިރީ؟" އަހަރެން ސުވާލުކުރީމެވެ.

"ނޭނގެ،" ފޫހި ގޮތަކަށް ރަމީޒު ބުނެލިއެވެ. "މަށަކަށް ނޭނގެ ވާއެއްނުވާއެއް. މިހެން ކިހިނެއް އުޅޭނީ؟"

ރަމީޒު ގައި ކަހައިލި ވަގުތު އޭނަގެ ޓީޝާޓު އެއްފަރާތުން މައްޗަށް އެރިއެވެ. ވަކިއަޅައިފައި ހުރި ނިޝާން އަހަންނަށް ފެނުނެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ސިހުރުހެދުމުގައި ދެމިހުރި ނަމަ، އަހަރެންގެ ގައިން ވެސް އެ ފަދަ ޢަލާމާތްތައް ފެނުނީހެވެ. ސިހުރުވެރިޔަކަށް ވެވޭނީ ޝައިތާނާގެ ރުހުން ލިބިގެންނެވެ. އެއްބަސްވުމެއްގައި ސޮއިކުރީމައެވެ. އެ އެއްބަސްވުން ލިޔެވިފައި އޮންނާނީ މުޅީން ވެސް ޝައިތާނާއަށް ފައިދާވާ ގޮތަށެވެ. އިންސާނާއަށް އަނިޔާ ލިބޭ ގޮތަށެވެ. ޝައިތާނާ ފޮނުވާ މަންދޫބު ހިތުހުރި ގޮތެއް އިންސާނާއަށް ހަދާނެއެވެ. ސިހުރުވެރިޔަކަށް ވެވޭނީ އެ އަނިޔާތަކަށް ކެތްކުރިއްޔާއެވެ. ސިހުރު ދަސްކުރުމުން އިންސާނާ ބޭނުންވާ ކަންކަން ކުރެވޭނެއެވެ. ވަރަށް ފަސޭހަކަމާ އެކުގައެވެ. ހިދުކޮޅަކަށް ދެމިގެންދާ އެ އުފަލުގެ ނިމުން އަންނާނީ ވަރަށް ހިތިކޮށެވެ. ރަމީޒަކީ އޭގެ ދިރިހުރި މިސާލެކެވެ.

"މަ ކިހާ ވަރަކަށް ބުނިން ތި ކަން ހުއްޓާލާށޭ،" އަހަރެން ހަނދާންކޮށްދިނީމެވެ. "ކިހާ ނަސޭހަތެއް..."

ޖަވާބެއް ނުދީ ރަމީޒު އިރުކޮޅަކު އޮތެވެ. ލިބުނު ފުރުޞަތުގެ ބޭނުން ނުހިފުމުގެ ހިތި ނަތީޖާ ރަމީޒަށް އިހުސާސްވި ކަހަލައެވެ. އަހަންނާ ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރު ވެސް ރަމީޒަކަށް ނުލިބުނެވެ. އިތުރަށް އަހަރެން ބުނާނެ އެއްޗެއް ނެތެވެ. ދައްކަން ހުރީ ކުރިން ވެސް ދެއްކި ވާހަކަތަކެވެ. ސިހުރުވެރިންގެ ނިމުން ކިހާ ހިތިވާނެކަމާއި، ވޭންދެނިވި ގޮތަކަށް ނޫނީ މަރުނުވާނެކަމެވެ. އެ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ގަދަފަދަ އަޒާބުގެ ރަހަ ސިހުރުވެރިން ދެކޭނެއެވެ. ކުރިން އެ ވާހަކަތައް ދެއްކިއިރު ރަމީޒެއް އަޑެއްނޭހިއެވެ. ދެން އެ ވާހަކަދެއްކުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނުނެވެ. ވަގުތު ފާއިތުވެއްޖެއެވެ.

"ހިނގާ މާލެދާން،" އަހަރެން އެދުނީމެވެ. "އޭރުން ހޮސްޕިޓަލުގަ ބާއްވައިގެން ކަމެއް ކޮށްދެވޭނީ ވެސް."

"ދަރިއަކު ބަލާއައިމަ ނޫނީ މަށެއް ނުދާނަން،" ރަމީޒު ދިނީ އާންމުކޮށް އޭނަ ދޭ ބޯހަރު ޖަވާބެވެ. "ތިބޭނެ ހަ ފިރިހެންދަރިން. ދެން އެ ވާހަކަ ހުއްޓާލާ! ކަލޭ އައިކަން ހަމަ ނަސީބެއް. އެނދުގެ މި ދިމާ ގޮދަޑި ދަށަށް އަތްކޮއްޕައިލަބަލަ!"

ރަމީޒު ކުރަން އުޅެނީ ކީއްކަމެއް އަހަންނަކަށް އޭރަކު ނޭނގެއެވެ. ގޮދަޑިދަށަށް އަތްކޮއްޕައިލީމެވެ. އަހަރެންގެ އަތުގަޖެހުނީ ފޮށްޓެވެ. ނެގިއިރު އެއީ ސިނގިރެޓު ހުސްކުރި ފޮށްޓެކެވެ. ފޮށި އޮތީ ދެފުށްޖެހިފައެވެ. ރަމީޒުގެ އެދުމަށް އެ ފޮށި ހުޅުވައިލީމެވެ. އޭގައި އޮތީ ކޭޝްކާޑެކެވެ. ރަމީޒު ޕިން ނަންބަރު ދިނެވެ. ހަނދާންބަހައްޓަން ފަސޭހަ ނަންބަރެއްކަމުން އަހަރެން ނޯޓެއް ނުކުރަމެވެ.

"ތީ އަހަންނަށް އެންމެ އިތުބާރުކުރެވޭ މީހާ،" ވަރުބަލި ދެ ލޮލުން އަހަންނަށް ބަލައިލަމުން ރަމީޒު ބުންޏެވެ. "މަރުވުމުގެ ކުރިން އެންމެ ހެޔޮކަމެއް ނަމަވެސް ކުރެވޭތޯ މި އުޅެނީ. ތި އެކައުންޓުގަ ވަރަށް ބައިވަރު ފައިސާ ހުންނާނެ. އެނގޭނެ އަހަރެންގެ އެއްވެސް އަންބަކީ ލޯބިން އަހަންނާ އިން މީހެއް ނޫންކަން. އެ ތިބެނީ މަ މަރުނުވެގެން. ތި ކާޑު އަތުޖެހޭ މީހަކު އެހެން މީހަކަށް ބޮޑުލާރިއެއް ވެސް ދިއްކޮށްނުލާނެ. ކަލޭ އެ ހުރިހާ ފައިސާއެއް ނަގައިފަ، އަހަރެންގެ ހުރިހާ ދަރީންނަށް ހަމަހަމައަށް ބަހާލާ! އަށާރަ އަހަރު ނުފުރޭ ކުދިންނަށް ވާ ބައި، އަށާރަ އަހަރު ފުރެންދެން ކަލޭ އަތުގަ ބަހައްޓާ! މަ ހިޔެއް ނުވޭ މާ ގިނަ ދުވަހަކު ދުނިޔޭގަ އޮންނާނެހެނެއް."

އަހަރެން ވިސްނައިލީމެވެ. ރަމީޒު ހަވާލުކުރީ ކިހާ ބޮޑު ޒިންމާއެއްކަން އަހަންނަށް އިހުސާސް ކުރެވެއެވެ. އަނެއްކޮޅުން، އޭނަގެ އެކައުންޓުގައި ފައިސާ ހުރި އަދަދެއް އަހަންނަކަށް ނޭނގެއެވެ.

"އެންމެ ދޮށީ ދެބެންނަށް މިހާރު އަށާރަ ފުރިއްޖެއްނު،" އަހަރެން ބުނީމެވެ. "އެ ކުދީންނަށް ތި ކަން ހަވާލުކުރަންވީނު."

"މަގޭ ޢާއިލާގެ މީހުން އެންމެ ރަނގަޅަށް އެނގޭނީ މަށަށް،" ގައިގައި އަޅަން ފެށި ވޭނަށް ކެތްކުރަމުން ރަމީޒު ބުންޏެވެ. "ކަލޭ ނޫން މީހަކަށް ތި ކަމެއް ނުކުރެވޭނެ. ދެން އަވަހަށް ދޭ. ތި ހިފައިގެން ކަލޭ މިތާ ހުރިތަން... އެ އަންނަނީ މަށަށް އަނިޔާކުރަން."

ރަމީޒު މައްޗަށް ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ އަހަންނަށް ނުފެންނަ އެއްޗެއް އޭނައަށް ފެންނަހެންނެވެ. އެ ވަރުން ވެސް ހެޔޮ އެއްޗެއް ކިޔުމުގެ ބަދަލުގައި ހުތުރުބަހުރުވައިން ރަމީޒު ހަޅޭއްލަވަން ފެށިއެވެ. ރަމީޒު ބުނާ ކޮންމެ އެއްޗެއްގެ ރައްދުގައި ޒުވާބުދެނީ ވެސް ރަމީޒެވެ. ތަންކޮޅެއް ބަރު އަޑަކުންނެވެ. އަހަރެން އެ ތަނުން ނުކުތީއެވެ. ތިމާގެ އަމިއްލަ ނަފުސު ހިބައިން ޝައިތާނާއަށް ދޭ ކޮންމެ ސިހުރުވެރިޔަކު ވެސް ނިމިގެންދާނީ އެ ފަދަ ހާލެއްގައެވެ.

އަހަރެން މާލެއައިއިރު ވެސް އަހަރެން ހުރީ ދެ ފިކުރެއްގައެވެ. ގޮތެއް ނިންމަން އަހަންނަށް ވަރަށް އުނދަގޫވިއެވެ. ފުރަތަމަ ދިޔައީ އޭޓީއެމް މެޝިނެއް ކައިރިއަށެވެ. ރަމީޒުގެ އެކައުންޓުގައި ހުރި ވަރު ބަލައިލީމެވެ. ހަތަރު ލައްކަ ކިރިޔާ ހަމަނުވާކަމެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. ގެއަށް އައިއިރު ވެސް އަހަންނަކަށް ގޮތެއް ނުނިންމުނެވެ. ނިދަންއުޅެއުޅެ އެ ކަމެއް ނުވިއެވެ. ނިޔަތް އަރައިރުންވަމުންދިޔައެވެ. އަހަރެންގެ އަތުގައި ކޭޝްކާޑު އޮތްކަން، ރަމީޒު ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އޭނަގެ ޢާއިލާގެ އެތައް ބަޔެއް ތިއްބައި އަހަރެންގެ އަތަށް އެ ކާޑު ލިބޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. ފަތިސްވީއިރު ވެސް އަހަރެން އޮތީ އެ ކަމާ ވިސްނާށެވެ.

ރަމީޒުގެ ހުރިހައި އަނބިންނާއި ދަރިންނަކީ ވެސް އަހަރެންގެ އެކުވެރީންނެވެ. ވަރަށް ހެނދުނާ ރަމީޒުގެ ދޮށީއަނބި ގުޅިއެވެ. ރަމީޒު ނިޔާވި ޚަބަރު ދިނެވެ. ގޮތެއް ނިންމުނީ އެ ހިސާބުންނެވެ. ވަގުތުން ކަތުރު ނަގައިފައި ކޭޝްކާޑު ހަތަރު ފަޅިއަށް ކަފައިލީމެވެ. ސިހުރުހަދައިދީގެން ރަމީޒު ހޯދައިފައި ހުރި އަލިފާނުގެ އެންމެ ކަންޏެއް ވެސް، އަހަރެންގެ އަތަކުން މީހެއްގެ ގަޔަކު ނުޖައްސާނަމެވެ. އެއީ ރަމީޒު ބޭނުންވި ގޮތެއް ނޫންކަން އެނގެއެވެ. އެ ފައިސާއަކީ އަހަންނާ ހަވާލުވި އަމާނާތެއްކަން ވެސް އެނގެއެވެ. އެކަމަކު، އަހަންނަށް ކަށަވަރެވެ. އަހަރެން ޚިޔާނާތެއް ނުވަމެވެ. އެއީ ރަމީޒަށް އަހަރެން ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެކެވެ.

ނިމުނީ