13 މާޗް 2025 - 13:29

މާލޭގެ ފިހާރައެއްގެ ވަތްގަނޑުން ފައިސާ ވަގަށް ނެގި ސްރީލަންކާގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ލަންކާ މީހެއް ކަމަށްވާ 24 އަހަރުގެ ވިޖެންދްރާވަޑުގެ ނިރާޝާ ރަސާލީ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމީ އޭނާއަކީ ސްރީލަންކާގެ ރައްޔިތަކަށްވުމުން އޭނާ ފިލުމުގެ އިހުތިމާލެއް އޮތް ކަމަށް ފެންނާތީ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ތުހުމަތު ކުރެވޭ މީހާ ބުނާ ވާހަކަ އާއި ހުށަހަޅާފައިވާ ބަޔާންތަކާއި ސީސީޓީވީގެ ސްނެޕްތަކުން އޭނާ ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓުގެ އަމުރުގައި ބުންޏެވެ.
ނަމަވެސް، އޭނާ ނެގީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.