13 މާޗް 2025 - 13:00

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެއް މެގަވޮޓުގެ ޖަނަރޭޓަރެއް ރޭ ގެންގޮސްފި އެވެ.
ފެނަކައިން ބުނީ އެއް މެގަވޮޓުގެ މުޅިން އާ ޖެނަރޭޓަރެއް ރޭ އައްޑު އަށް ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑު އަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ފޮނުވުމަށްޓަކައި މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. ފެނަކައިން ބުނި ގޮތުގައި އެ ޖެނަރޭޓަރު ވެސް އައްޑު އަށް ފޮނުވުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ.
މިހާރު އައްޑޫގައި މަރާމާތުކުރަމުން ދަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރަކާއި 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށް ފެނަކައިން ބުންޏެެވެ.
ފެނަކައިން ކުރިން ބުނެފައި ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މި މަހުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
- ފަސް އިންޖީނުގެ މޭޖާ ސާވިސްތައް.
- ތިން އިންޖީނެއްގެ އޯވަހޯލް މަސައްކަތް.
- 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތްތައް.
- އަށް އިންޖީނަކަށް ބޭނުންވާ ސްޕެއާ ހޯދި.
- އެ މަސައްކަތްތައް ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޓެކްނިކަލް ޓީމުން އެވްރެޖްކޮށް ކޮންމެ ދުވަހެއްގެ 18 ގަޑިއިރު މަސައްކަތްކޮށްފައިވޭ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވެ، މިދިޔަ އަހަރުން ފެށިގެން ވެސް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ އެވެ.
މި ރޯދަމަހުގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެފައި އޮތަސް ރޯދަމަހުގެ ތެރޭގައި ވެސް ކަރަންޓު ކެނޑޭތީ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.