14 މާޗް 2025 - 09:03

އެންމެ ކުޑައިރުގެ ހަނދާން ވެސް ފަށަން ޖަހަނީ އާޓުގެ ދުނިޔެއިންނެވެ. އަތުޖެހުނު ކަރުދާހަކުން އެކި ވައްތަރުގެ މާ ހެދި އެވެ. ދެން ބޮޑުވީ މަންމަގެ ފަހާފޮށި ކައިރީގަ އެވެ. އޭނާގެ ހިތް ދޫކޮށްލީ އެ މަސައްކަތަށެވެ. ގްރޭޑު 6 ގައި އުޅެނިކޮށް ފަހަން ދަސްކޮށްފި އެވެ. އެއާ ޖެހިގެން އައި އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނާ ހަމައަށް ނަސޯފާ ޝުޖާއު ސްކޫލު ނިންމާލީ އަމިއްލަ އަށް ފެހި ޔުނީފޯމު ލައިގެންނެވެ.

އެ މަސައްކަތް ވެސް ކުރިއަށް ގެންދަމުން، އުފަން ރަށް، ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންޓަރުގެ ވަޒީފާއާ 2018 ވަނަ އަހަރު ގުޅުނެވެ. އޭނާގެ އަތުގައި ނަސީބު ހިފީ އެ ހިސާބުންނެވެ.

ނަސޯފާ، 31، ބުނާގޮތުން ވީހާ ވެސް ގިނަ ބަޔަކަށް އޭނާގެ މަސައްކަތް ދައްކާލައި ހުނަރު ތަރައްގީކުރަން ފުރުސަތު ލިބުނީ އެ ހިސާބުންނެވެ.

ސްކޫލުގައި ބާއްވާ އެކި ހަފުލާތަކާއި ރަސްމިއްޔާތުތައް ފަޅުފިލުވައިދޭން ފެށީ ނަސޯހާ އަމިއްލަ އަށް ފޮޅުވި މާތަކުންނެވެ. މުޅިން ވެސް ހިލޭ ސާބަހަށް ކޮށްދިން ކަންތަކެވެ.

"ހަނދާން ހުންނަން ފެށީއްސުރެ މަލާއި ފޮތިން ވެސް އެކި ކަހަލަ ކްރާފްޓް، އެކި އެއްޗެހި ހަދަމުން އަންނަނީ. ހެޑް ބޭންޑު ވެސް ހަދައިދިނިން. އެކަމަކު، ވިޔަފާރިއަކަށް ނޫން. ވިޔަފާރިއަކަށް މި ހަދައިދިނީ މިގޮތަށް މާ،" ނަސޯފާ ބުންޏެވެ.

އެއީ މި ރަށުގައި ޕްރައިމަރީ ޓީޗިންގެ ޑިގްރީ ވެސް ފަށަން ތައްޔާރުވި ދުވަސްކޮޅެވެ. އެހެންވެ، އާޓްސް ޓީޗަރުގެ މަގާމަށް ހުޅުވާލާފައި އޮތުމުން ކޯހުގެ ފުރަތަަމަ އަހަރު ނިމުމުން ލިބުނު ޑިޕްލޮމާ ސެޓްފިކެޓާ އެކު ވަޒީފާ އަށް ކުރިމަތިލި އެވެ.
ސްކޫލުގެ އާޓްސް ކްލަބްގެ ހިންގުން ވެސް އޭނާގެ ދަށަށް އަތުވެއްޖެ އެވެ. އެ ހިސާބުން އެ ޒުވާނާގެ މަސައްކަތުގެ ގިޔަރު ބާރުކޮށްލި އެވެ.
ނަސޯފާ ބުނީ ކަރުދާސް ދޫކޮށްލައި މިހާރު މާ ހަދަނީ ޕައިޕް ކްލީނާސް ބޭނުންކޮށްގެން ކަމަށެވެ. ބޭރުން ޕައިޕް ކްލީނާސް ގެނެސްގެން މާ ހަދައިދޭން ފުރަތަމަ ފެށީ އާއިލާ އާއި ގާތް ރައްޓެހިންނަށެވެ. އެ މަސައްކަތް ފުޅާވެ، އެކަން ވަނީ ވިޔަފާރިއަކަށް ބަދަލުކޮށްފަ އެވެ.
ގޭގެ ނަން، ގުލްޗަނބޭލީގެ ނަމުގައި އިންސްޓަގްރާމްގައި ހިންގާ ޕޭޖުން އޭނާގެ މާތައް ވައިގައި ހިފައިފި އެވެ.
"ޕްރިންސިޕަލަށް އެ މާތައް ފެނިގެން ވަރަށް ކަމުދިޔަ. ފުރަތަމަ ސްކޫލު ޕްރައިޒްޑޭގައި ހެދީ. އޭގެ ފަހުން ގްރޭޑު 12 ގެ ކުދިންގެ ގްރެޖުއޭޝަން ހަފުލާ އަށް މާބޮނޑިއެއް ހެދީ،" ނަސޯފާ ބުންޏެވެ.
މިހާރު ވެސް އާއިލާ އަދި ރައްޓެހިންގެ ފަރާތުން އޯޑަރުތައް ލިބެ އެވެ. އެކަމަކު ގްރޭޑް 6-8 އަށް ކިޔަވައިދޭ ޓީޗަރު ބުނިގޮތުގައި، އެންމެ ގިނައިން އޯޑަރު ލިބެނީ ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނަށް މަރުހަބާ ކިޔަން ހަދާ މާބޮނޑިތަކަށެވެ.
"ސްކޫލު ޓިޗަރަކަށް އުޅެމުން ވަރަށް ޓައިމް ނުލިބޭ. ލިބޭ ވަގުތުގައި މިހެން ފޫހިވީމަ ކުޑަކޮށް ބޯ ހަމަޖައްސާލަން އިނދެ ޕެޓަލްސް ހަދާފައި ބަހައްޓަނީ. އޯޑަރެއް ލިބުނީމަ މަސައްކަތް ކޮށްލަނީ،" ނަސޯފާ ބުންޏެވެ.
ވިޔަފާރިއަށް ބަދަލުކޮށް އެ މަސައްކަތް ފުޅާކުރިތާ ދެ މަސް ދުވަހުގެ ތެރޭގައި ފައިދާގެ ގޮތުގައި އެކަނި ވެސް 10،000ރ. ލިބިއްޖެ އެވެ. މި މަސައްކަތަށް ބޭނުންވާ ތަކެތި މިހާރު ހޯދަނީ އެ އިން ލިބޭ ފައިދާއިންނެވެ. ހެނދުނު 6:50 ގައި ސްކޫލަށް ގޮސް، މެންދުރު ފަހު ސްކޫލްގެ ކަންކަން ނިންމާލައި، ލިބޭ ހުސްވަގުތުގެ ބަދަލުގައި ސީދާ މިކަމަށް ވަގުތު ހުސްކުރާ ނަމަ މާ ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް ވެސް ހުންނަ ނަސޯހާ ގަބޫލުކުރެ އެވެ.
އަމިއްލައަށް ގޭގައި މަސައްކަތް ކޮށްގެން ވެސް އޭނާ އަށް ލިބޭ އެންމެ ބޮޑު އުފަލަކީ މީހުންގެ އިތުބާރެވެ. މާބޮނޑިތައް ހުންނަން ބޭނުންވާ ސައިޒު ބުނުމަށް ފަހު، ޑިޒައިން ދޫކޮށްލަނީ ނަސޯފާގެ އަމިއްލަ އިހުތިޔާރަށެވެ.
"އެއީ ވަރަށް ބޮޑަށް އުފަލެއް،" އޭނާ ބުންޏެވެ.
"މިހާތަނަށް އެންމެ ބޮޑު އޯޑަރަކަށް ލިބުނީ ކައުންސިލުން ދިން 12 މާގެ މާ ބޮނޑިއަކަށް. ސައިޒު ބުނީމަ އަމިއްލައަށް ޑިޒައިނާއި ކުލަ ހަމަޖައްސަނީ. ވަރަށް ރަނގަޅު މިހާތަނަށް ލިބިފައި ހުރި ފީޑްބެކްސް."
ޓީޗިން އިން މާސްޓާސް ހާސިލްކޮށްފައިވާ ނަސޯހާ މިހާރު އަންނަނީ، ސްކޫލުގައި ކުދިންނަށް ފަހަން ދަސްކޮށްދީ، އާޓުގެ އެކި ހުނަރުތައް ކިޔައިދެމުންނެވެ. އެ ހުރިހާ ކަމަކުން ވެސް އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަލާ ގުޅޭގޮތުން ލިބޭ ކޮމެންޓުތަކެވެ.
"ވަރަށް ލޯބިން މި ހުރިހާ މަލެއް ވެސް ހަދަނީ. އެ ބޭފުޅުންނަށް ކަމުދިޔައީމާ ވަރަށް ހިތްހަމަޖެހޭ،" ނަސޯފާ ބުންޏެވެ.