14 މާޗް 2017 - 09:16

އެޗް1އެން1 ވައިރަސް ރާއްޖޭގައި ފެތުރެމުންދާތީ، އެފްއޭއެމުން އެސްޓީއޯ މާލޭ ލީގާއި މައިލޯ އިންޓަ ސްކޫލް މުބާރާތް މެދުކަނޑާލައި މިނިވަން ޗެމްޕިއަންޝިޕް ފަސްކޮށްފި އެވެ.
މާލޭ ލީގު މެދުކަނޑާލިއިރު މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އަދި މިރޭ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ ކުޅެން އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެފަ އެވެ. އަދި އިންޓަ ސްކޫލް މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލަށް ޓީމުތައް ވަނީ ހޮވިފަ އެވެ.
އެފްއޭއެމުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 ގެ އެލާޓް ލެވެލް ތިނަކަށް އަރާފައިވާކަން މިނިސްޓްރީ އޮފް ހެލްތުން އިއުލާންކޮށްފައިވާ ކަމަށާއި އެގޮތަށް އެ ބަލި ފެތުރެނީ އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކެއްގައި ކަމަށް ވުމާއި އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކަމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާންކޮށްފައިވާތީ އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގެ ތެރެއިން މާލޭ ލީގު، ހުރިހާ އުމުރުފުރާތަކުގެ އިންޓަ ސްކޫލް މުބާރާތް އަދި މިނިވަން ޗެމްޕިއަންޝިޕް ވަކި މުއްދަތެއް ނެތި ލަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މުބާރާތްތައް ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ.