13 މާޗް 2025 - 09:54

ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ އެއް މަސް ދުވަހަށް މެދުކަނޑާލަން ޔޫކްރެއިނުން އެއްބަސްވުމުން އެމެރިކާގެ އަސްކަރީ އެހީތައް އަނެއްކާވެސް ދޭން ފަށައިފި އެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތް ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުރިން އޮތީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.
އެކަމާ ހެދި ޓްރަމްޕާއި ޒެލެންސްކީއާ ދެ ބޭފުޅުން މީޑިއާގެ ކުރިމަތީގައި ޒުވާބު ވެސް ކުރެއްވި އެވެ. އަދި ޔޫކްރެއިނަށް ދޭ އަސްކަރީ އެހީތައް އެމެރިކާއިން ވަގުތީ ގޮތުން އޭރު ހުއްޓާލި އެވެ.
ނަމަވެސް ފަހުން އަސްކަރީ އެހީ އަލުން ދޭން ފެށުމަށް އެމެރިކާއިން އެއްބަސްވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކްރެއިނުން އެއްބަސްވެފައިވެފައި ވާތީ އެވެ.
ސައުދީ އަރަބިއާގެ ޖިއްދާގައި ޔޫކްރެއިންގެ އޮފިޝަލުންނާ އެކު އެމެރިކާއިން ކުރި މަޝްވަރާތަކަށް ފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވިދާޅުވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ ހުށަހެޅުން ރަޝިއާއަށް ވެސް ހުށަހަޅާނެ ކަމަށެވެ.
އެމެރިކާއަކީ ޔޫކްރެއިނަށް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީ ދެމުންދާ ގައުމަކަށް ވިޔަސް، ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން އޭނާ ގެންދަނީ ހަމަލާތައް ހުއްޓާލަން ބާރު އަޅުއްވަމުންނެވެ. އަދި އެކަމާ ގުޅިގެން އެމެރިކާ އާއި ޔޫކްރެއިނާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުން ޔޫކްރެއިންގެ ދިފާއުގައި ނިކުތެވެ.