ހުމުގެ ކްލިނިކުގައި 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
ހުމުގެ ކްލިނިކުގައި 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ރާއްޖޭގައި މި ދުވަސްވަރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، އައިޖީއެމްއެޗްގެ ފްލޫ ކްލިނިކްގައި 24 ގަޑިއިރު ހިދުމަތް ދޭން ނިންމައިފި އެވެ.

ވައިރަލް ހުމުގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޗްވަންއެންވަން ނުވަތަ ސްވައިން ފުލޫ ކޮންޓްރޯލް ނުކުރެވި ފެތުރެމުން ދާ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ވަނީ ދީފަ އެވެ.

މާލޭގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ ހޮނިހިރު ދުވަހު ހުޅުވި ކްލިނިކްގައި މީގެ ކުރިން ހިދުމަތް ދިނީ ހެނދުނުން ފެށިގެން މެންދަމު 12 އާ ހަމައަށެވެ. އެކަމަކު ހުން ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެ ކްލިނިކަަށް ބާރު ބޮޑުވުމުގެ ސަަބަބުން މިއަދުން ފެށިގެން ހުރިހާ ވަގުތަކު ވެސް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެތަނުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ހުމާއި ރޯގާ ޖެހިގެން ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކައި، ކްލިނިކުގެ ބާރު ބޮޑުވެފައިވާ ކަމަށެވެ. އެކަމަކު ހިދުމަތް ދެމުން އަންނަނީ މިހާރު ޖާގަ ހުރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްލިނިކަށް ކޭޓާ ކުރެވޭ ވަރަކަށް އަޅުގަނޑުމެން މި އަންނަނީ ހިދުމަތް ދެމުން. އެކަމަކު ވަރަށް ބާރުބޮޑު،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކްލިނިކް ހުޅުވި ދުވަހު ވެސް ގާތްގަނޑަކަށް 80 މީހުން އެތަނުން ފަރުވާ ހޯދި އެވެ.

ހުން ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަކަމުން، ޑޮކްޓަރަށް ދެއްކެނީ ވަރަށް ގިނައިރު ހޮސްޕިޓަލުގައި މަޑުކޮށްގެން ކަމަށް އެ ތަނުގައި ތިބި ބައެއް މީހުން ބުނެ އެވެ.

- ހުން އައުން

- ބޭރަށް ހިންގައި ހޮޑުލުން

- ހީކަރުވައި ވަރުދެރަވުން

- ކަރުގައި ރިހުން

- ބޮލުގައި ރިހުން