މެލޭޝިއާގެ ފުރަތަމަ އިސްލާމިކް އެއާލައިން މަނާކޮށްފި
މެލޭޝިއާގެ ފުރަތަމަ އިސްލާމިކް އެއާލައިން މަނާކޮށްފި

ކުއާލަ ލަމްޕޫރު (ޖޫން 14) - އިސްލާމީ އުސޫލުތަކާ އެއްގޮތަށް މެލޭޝިއާގައި ފެށި ފުރަތަމަ އެއާލައިން، ރަޔާނީ އެއާގެ ދަތުރުތައް ހުއްޓާލުމަށް އަންގައިފި އެވެ.

މެލޭޝިއާގެ ފުރަތަމަ އިސްލާމިކް އެއާލައިން މަނާކޮށްފި
މެލޭޝިއާގެ ފުރަތަމަ އިސްލާމިކް އެއާލައިން މަނާކޮށްފި

ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަން (ޑީސީއޭ) އިން ބުނީ ރަޔާނީ އެއާގެ ހުއްދަ ބާތިލް ކުރީ އެއާލައިނުން ގަވާއިދާ ޚިލާފުވުމުން ކަމަށެވެ. އެއާލައިނުގެ ސަލާމަތީ އަދި އިދާރީ ކަންކަން ހުރީ އެންމެ ރަނގަޅު މިންގަނޑުގައި ނޫން ކަމަށް ވެސް ޑީސީއޭ އިން ބުންޏެވެ.

ރަޔާނީ އެއާގެ ދަތުރުތައް ފެށީ ޑިސެމްބަރު މަހު އެވެ. އެއާލައިނުން ހަލާލު ކާނާ ލިބެން ހުންނަ އިރު އެލްކަހޯލުގެ އެއްވެސް ބާވަތެއް ލިބޭކަށް ނުހުރެ އެވެ. ކްރޫން ހެދުން އަޅައިގެން ވެސް ތިބެނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށެވެ.

ރަޔާނީ އެއާގެ ފްލީޓުގައި 180 މީހުންގެ ޖާގައިގެ ބޯއިން 737 ގެ ދެ ބޯޓު އޮވެ އެވެ. ފަންސާސް ކްރޫންނާއި އަށް ޕައިލެޓުން ތިބެ އެވެ.

ޑީސީއޭ އިން އިއްޔެ ބުނީ ކޮމާޝަލް އެއާލައިނެއްގެ ގޮތުގައި ރަޔާނީ އެއާ ދެން އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ. ގަވާއިދާ އެއްގޮތަށް ކަންކަން ފުރިހަމަވެފައި ނެތުމުން އެއާލައިން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. ފްލައިޓް އޮޕަރޭޝަންތައް ބެލުމަށް ފަހުން ވަނީ ސޭފްޓީ އޮޑިޓެއް ވެސް ހަދައިފަ އެވެ.

މެލޭޝިއާގެ އޭވިއޭޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއާ ސާވިސް ލައިސަންސް (އޭއެސްއޭ) މިންގަނޑާ ޚިލާފުވެ އަދި ކޮމާޝަލް އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓް ކުރެވޭ ވަރަށް ވުރެ މާލީ އަދި މެނޭޖްމަންޓް ކެޕޭސިޓީ ވެސް އެ އެއާލައިނުގައި ދަށް ކަމަށެވެ.

އެއާލައިން ސަސްޕެންޑް ކުރުމުގެ ކުރިން ވަރަށް ގިނަ ޝަކުވާތައް ވަނީ ލިބެން ފަށައިފަ އެވެ. ޕައިލެޓުންގެ ހަޅުތާލާ ގުޅިގެން ފްލައިޓްތައް ވެސް ވަނީ ކެންސަލްވާން ފަށައިފަ އެވެ.

ރަޔާނީ އެއާ އިން ދަނީ ވެރިރަށް ކުއާލަ ލަމްޕޫރުން އުތުރުގެ ސިޓީ ކޮޓާ ބަހުރޫ އަށް ދަތުރުތައް ކުރަމުންނެވެ. އަދި އިތުރު ސިޓީތަކަށާއި ހައްޖަށް މީހުން ގެންދިއުމަށް ވެސް އެއާލައިނުން ވަނީ ޕްލޭންކޮށްފަ އެވެ.