11 މާޗް 2025 - 21:15

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނިކުމެއްޖެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން، މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ،
އެގޮތުން، ވެސްޓްޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގައި ޖުމްލަ ހަ ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިއަދު ހަވީރު ވެހެން ފެށި ވާރޭގައި، މާލޭގައި އާންމުކޮށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހި، އުތުރުގެ އަތޮޅުތަކަށް މިއަދާއި މާދަމާ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެގެން މިދިޔަ ހަފުތާގައި އޮރެންޖު އެލާޓް ވެސް ނެރުނެވެ. އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެން ވެސް ބޮޑުވި އެވެ.