11 މާޗް 2025 - 19:11

އެމްޑީޕީން މިހާރު ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ކަމުގައި ހަރަކާތްތެރިވާ އިސް ދެ ބޭފުޅަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.
މިގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ މައްސަލާގައި ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.
މާދަމާ މެންދުރު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި ދެ ބޭފުޅުންނަށް ފޮނުވި ޗިޓުގައިވާ ގޮތުން، ފުލުހަށް ހާޒިރުކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުންނެވެ.
އެ ގާނޫނާ ހިލާފަށް މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާ ކުރުމުގެ ސަބަބުން އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ހުރަސް އެޅި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރާއީ އާއި މޫކޭ އަކީ މުޒާހަރާތަކުގައި ލައުޑްސްޕީކަރުން ވާހަކަ ދައްކަވައި، ބައިވެރިން ގޮވައިގެން އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ.
އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން މުޒާހަރާ ކުރީ އަލިކިލޭގެފާނު މަގުން ވަދެގެން، ރައީސްގެ ގެކޮޅު މުލިއާގެ ކައިރިއަށް ދިއުމަށެވެ. އެކަމަށް ހުރަސް އެޅި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާމެދު ހަމަނުޖެހުން ވެސް އެ ރޭ ހިނގައި، ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.