11 މާޗް 2025 - 13:57

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށާފައިވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ ސެޕްޓެމްބަރު 2020 ގަ އެވެ.
މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓިން އިއްޔެ ވަނީ އޭނާ ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭނުން ކުރުން ހިމެނެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.