10 މާޗް 2025 - 23:13

އޮޕަރޭޝަން އެއްކޮށް ނިންމާލި ކަމެއް ސިފައިންނާއި ފުލުހުން އަދި ނުބުނޭ. އެކަމަކު، މިހާރު ސަލާމަތީ ހިދުމަތްތަކުގެ މީހުން ވަނީ ގެތައް ފާސްކުރުމުގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލާފައި.

ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަން ސިފައިންނާއި ފުލުހުން އަދިވެސް އެބަ ކުރިއަށް ގެންދޭ. ދެންމެ ވެސް މީހަކު ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނިފައިވޭ. އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ ގ. ޝަބްނަމީ ގޯޅީގައި ހުންނަ ޕްރެސައިޑު ކިޔާ ގެއަކުން.

މި އޮޕަރޭޝަންގައި ގަރާޖެއް ވެސް ފުލުހުން ގެންދަނީ ފާސްކޮށް، ބައެއް މީހުންނާ ސުވާލު ކުރަމުން.

މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ، ބައެއް ގެތައް އަންނަނީ ފާސްކުރަމުން.

ފުލުހުން ބުނިގޮތުގައި، ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަން ކުރިއަށްދާ ވަރަކުން، އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރާނެ.

ފުލުހުން ދެންމެ ބުނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ދިވެހި ސިފައިންނާ ގުޅިގެން މިހާރު ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް. އަދި އެ މީހުންނާ ގުޅުން ހުރި ތަންތަން ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނި.

ހުޅުމާލޭގެ ވިނަރެސްގެ އެޕާޓްމަންޓެއް ވެސް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށް އެނގިފައިވޭ.

މި އޮޕަރޭޝަންގައި ފުލުހުން ވަނީ ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި ދިޔަ މީހަކު ހުއްޓުވުމަށް ފަހު، އޭނާ ދިރިއުޅޭ ގެ ވެސް ފާސްކޮށްފައި. އެނގިފައިވާ ގޮތުން އެ މީހާ ވެސް ވަނީ މިހާރު ހައްޔަރުކޮށްފައި.

ސިފައިންނާއި ފުލުހުން މިހާރު މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ބައެއް ގެތައް ފާސްކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފައި. މިރޭ 11 ޖަހަން އުޅެނިކޮށް ފެށި މި އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން އަދިވެސް އަންނަނީ ބައެއް ތަންތަން ފާސްކުރަމުން.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ބުނެ ނެރުނު ބަޔާން ކެންސަލްކޮށްފި އެވެ.
ފުލުހުން ބުނީ ލިބުނު މައުލޫމާތާ ގުޅޭ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ކުރިން ނެރުނު ބަޔާން މި ވަގުތަށް ނަގާފައިވާ ކަމަށެވެ.
"އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ވަނީ ނަގާފައި. ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަށަވަރުކޮށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާކުރާނަމެވެ." ބަޔާން ކެންސަލްކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައިވެ އެވެ.
މި ބަޔާން ސޯޝަލް މީޑިއާއިން ނެގިޔަސް މާލެތެރޭގައި އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ. އެނގިފައިވާ ގޮތުގައި މީގެ ދެތިން ދުވަސް ކުރިން ފެށި މި އޮޕަރޭޝަންގައި މިހާރުވެސް ދަނީ ބައެއް ތަންތަން ފާސްކުރަމުންނެވެ. މިއީ ފުލުހުން ކައުންޓަ ޓެރަރިޒަމުން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް އެނގިފައިވެ އެވެ.
ފުުލުުހުން ކުރިން ބުނީ މިއީ ސިފައިންނާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ކުރިން ނެރުނު ބަޔާނުގައިވެ އެވެ.
މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ނުދީ ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."