ހުންޖެހިގެން އެކަކު މަރުވި، ސްކޫލުތައް ބަންދުކޮށްފި
ހުންޖެހިގެން އެކަކު މަރުވި، ސްކޫލުތައް ބަންދުކޮށްފި

ހުރިހާ ފެންވަރެއްގެ ސްކޫލުތައް ވެސް ބަންދުކުރަން ލަފާ ދެން: ޑރ. ނިޔާފް. އޭނާ ވިދާޅުވި ގޮތުގައި އެއީ އެޗްޕީއޭގެ ޕްރޮފެޝަނަލް ލަފައެއް. އެގޮތަށް ނިންމީ މި ބަލި ވަރަށް ބާރަ ފެންނަމުންދާތީ ކަމަށް ޑރ. ނިޔާފް ވިދާޅުވި.

އެޗް1އެން1 އަށް ޕޮޒިޓިވް ވާން ފެށުމުން އެލާޓް ލެވެލް ތިނެއްގެ ހާލަތު އިއުލާން ކޮށްފައިވާ ކަމަށް ހެލްތު މިިނިސްޓްރީން ބުނޭ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ ވިދާޅުވީ އެޗް1އެން1 އަށް އެހާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދެވުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ބަލި އުޅޭތީ ކަމަށް.

ޑރ. ނިޔާފް ވިދާޅުވި ގޮތުގައި ކޭސްތަކުގެ އަދަދު ގިނަވާން ފެށީ މިދިޔަ މަހުން ފެށިގެން.

ސާމްޕަލްތައް ޕްރޮސެސް ކުރެވެނީ އެއްފަހަރާ 10-12 ސާމްޕަލް ލިބުމުން. އެހެންވެ ސާމްޕަލް ލިބުން ލަސްވޭ. އެކަމަކު ބަލިމީހާގެ އަލާމާތަށް ބަލައި ފަރުވާ ދެމުން ދާނެ ކަމަށް އެޗްޕީއޭ އިން ބުނޭ. މަރުވި މީހާ އަކީ ހުޅުމާލެ އިން އައިޖީއެމްއެޗަށް ރިފާކުރި މީހެއް. "ގެނައި އިރު ވެސް އޮތީ އެ ހާލަތުގައި" އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ނިޔާޝާ ވިދާޅުވި.

ޑރ. ނިޔާފް ވިދާޅުވީ މި ބަލީގެ ބޭހުގެ ސްޓޮކް އިތުރު ކުރުމާއި ވެކްސިން އިތުރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް. ފްލޫ ވެކްސިން އަކީ ދުނިޔޭގައި ސްޓޮކް މަދު އެއްޗަކަށް ވާތީ، ލިބޭނެ އަދަދާ މެދު ވަކި އެއްޗެއް އޭނާ ވިދާޅެއް ނުވޭ. "އަޅުގަނޑު ވެސް ދޫކޮށްލާނަން އަޅުގަނޑަށް އޮތް ވެކްސިން މާބަނޑު މީހަކަށް ޖަހަން،" ހައި ރިސްކް މީހުންނަށް ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. ނިޔާފް ވިދާޅުވި.

އިންފްލުއެންޒާ އަށް ހާއްސަ ފަރުވާއެއް ދެނީ ކޮމްޕްލިކޭޝަން ނުވަތަ ސީރިއަސް ވުމުގެ އަލާމާތެއް ފެނުމުން.

ޑރ. ނިޔާފް މިވަގުތު ޓެސްޓްކުރާ 70 ސާމްޕަލްގެ ތެރެއިން އިތުރު ކޭސްތަކެއް ފެންނާނެ ކަމަށް ލަފާކުރެވޭ ކަމަށް. "މި ނަމްބަރު ކުރިއަށް އޮތް ދުވަސްތަކުގައި މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި.

ޑރ. ނިޔާފް ވިދާޅުވީ ހެނދުނުގެ ހާލަތާއި މިހާރުގެ ހާލަތު ބަދަލުވުމަކީ، ލިބޭ މައުލޫމާތު ހާމަކަންމަތީގައި އާންމު ކުރުމުގެ ނަތީޖާ ކަމަށް.

ޑރ. ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވެކްސިންގެ ލިމިޓެޑް ސްޓޮކެއް އެބަހުރި ކަމަށް. އޭނާ ވިދާޅުވި ގޮތުގައި ވެކްސިންގެ "ބޮޑު އަދަދެއް އަޅުގަނޑުމެންގެ އަތުގައި ނެތް" ކަމަށް. އަދި އެންމެ މުހިންމު އުމުރު ފުރާތަކަށް އެ ވެކްސިން ބޭނުންކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޑރ. ނިޔާފް ވިދާޅުވި. އިންފްލުއެންޒާ ވެކްސިން ވަރަށް އަވަހަށް ބަދަލުވާތީ، ރާއްޖެ އަށް އާންމުކޮށް އެ ވެކްސިން ގެންނަނީ ކޮންމެ ހަ މަހަކުން ކަމަށް އެޗްޕީއޭ އިން ބުނޭ.

ޑރ. ނިޔާފް ވިދާޅުވީ އިތުރު 70 ސާމްޕަލް މިހާރު ވެސް ޓެސްޓް ކުރަމުން އަންނަ ކަމަށް.

ޑރ. ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވައިރަސް އަކީ އެމްއާރު ވެކްސިންގައި ހިމެނޭ މާއްދާއެއް ނޫން ކަމަށް. އެހެންވެ މިއީ އެމްއާރު ވެކްސިންއާ ގުޅުމެއް ނެތް ކަމެއް ކަމަށް އޭނާ ވިދާޅުވި.

ޑރ. ނިޔާފް ވިދާޅުވީ ރަށްރަށުގައި ތިބި ސިއްހީ އެހީތެރިންނަށް ޓެލެކޮންފަރެންސްގެ ޒަރީއާ އިން މި ބަލީގެ މައުލޫމާތު ދީފައިވާ ކަމަށް. އަދި ސީރިއަސް މީހުން މާލެ ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި.

އެޗް1އެން1 އަށް ޕޮޒިޓިވްވި މާބަނޑު މީހާގެ ހާލު ދެރަވެ މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި، ބައްޔަށް ޝައްކުވާ މާބަނޑު އެކެއްގެ ހާލު ދެރަ

އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސެއްގައި ޑރ އަބްދުﷲ ނިޔާފް ވިދާޅުވީ މި މަހު 4 ގައި މަރުވި 24 އަަހަރުގެ ފިރިހެނެއްގެ ސާމްޕަލް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މާބަނޑު ދެ މީހަކަށް ވެސް ބަލި ޖެހިގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ މިހާރު ހުރި މައުލޫމާތަށް ބަލާއިރު ސްކޫލްތައް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ލަފާ ދީފައިވާ ކަމަށެވެ. މި ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށާއި ސްކޫލް ޗުއްޓީއަށް ފަހު އަލުން ހުޅުވާނެ ދުވަހެއް ވެސް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

(ތަފްސީލް އަންނަނީ)