10 މާޗް 2025 - 14:25

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ އެންމެ މަތީ ކޯޓުން ހުސްވެފައިވާ ގޮނޑިއަށް އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން އެއް ބޭފުޅަކު މަދުވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަންޖެހެ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި އަލީ މަހާޒުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައި ޖޭއެސްސީން ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރޭގައި ސުއޫދު ހިމެނެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައި ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ މިހާރު ވަނީ ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފަ އެވެ.