09 މާޗް 2025 - 20:43

ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި ރޯދަމަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މީގެ ކުރީން ހާފިޒު ކަމުގެ ތާޖު ހަވާލު ކުރަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ. އެކަމަށް ހާއްސަ ޖަލްސާއެއް ނުބާއްވަ އެވެ.
ނަމަވެސް ހާފިޒުކަމުގެ ތާޖު ދޭ ހަފުލާ އަކީ ވަކިން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަފުލާއަކަށް ހައްދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރު ވަނީ ވިދާޅުވެފައި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ، ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ.
އެއީ ރާއްޖޭގައި އެކަމަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ހަފުލާކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އެ ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.
މިނިސްޓަރު މީގެ ކުރިން ވަނީ ހާފިޒުން ދަސްވެނިވާ ހަފުލާ ކުލަގަދަކޮށް، ގައުމީ ފެންވަރުގައި ބޭއްވުމުގެ މުހިއްމު ކަން ފާހަގަކުރައްވައިފަ އެވެ.
"ސަބަބަކީ މި މުބާރާތުގެ ތެރެއިން، ގުރުއާން ހިތުދަސްކުރާ ކުދިންނަށް އިނާމު ދިނުން ހިމެނިފައި އޮންނަނީ ޒަމާނުންސުރެ އޮތް ގޮތެއް އެއީ. އެއީ ވަރަށް މަދުން އަހަރަކު ކުދިން ދަސްކުރާތީވެ. އެކަމަކު މިހާރު 30 އަށް ވުރެ މައްޗަށް އެބަދޭ. އެހެންވީމާ މި ދެ ހަފުލާ އެއްކޮށްގެން ގެންދިއުމަކީ އެއްވެސް ހަރަކާތަކަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވި ދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.