09 މާޗް 2025 - 14:03

މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ގަލޮޅުގައި ހުންނަ އެ ގޭގެ ވެރިމީހާ އަށް ބިރުދައްކައި އިންޒާރު ދީފައިވާ މައްސަލައެއްގެ ރިޕޯޓް ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.
ރޭގެ ދަންވަރު 12:45 ހާއިރު އެ މީހުން އެ ގެ އަށް ވަދެ، ގެއްލުން ދީފައިވާއިރު އެ މީހުން ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
1. އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ
2. މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ
3. އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ
4. މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް
އެ ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، ސޯޝަލް މީޑިއާގައި އަންނަނީ އެ ގޭގެ ވެރިމީހާ އަށް އަނިޔާކުރާ ވީޑިއޯއެއް ވެސް ދައުރު ކުރަމުންނެވެ.
އެ މީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެކަކު ހިފަހައްޓައިގެން ހުންނައިރު އިތުރު މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން އެ ވީޑިއޯ އިން ފެނެ އެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަން ވެސް އުޅެ އެވެ.
މިއީ ކޮން މައްސަލައެއްގައި ހިނގި ކަމެއްކަން އަދި ސާފެއް ނުވެ އެވެ.