09 މާޗް 2025 - 13:06

ރާއްޖެއަށް 30 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެ ތަކެތި އިންޑިއާއިން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ގައުމުގެ ކޯސްޓްގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން މި މަހުގެ ފަސް ވަނަ ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
އެ ތަކެތީގެ މަގުމަތީ އަގަކީ 33 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ) އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ އޮޕަރޭޝަނަކީ ޓުޓިކޮރިން އިން މާލެއަށް އަންނަން އޮތް ޓަގު ބޯޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައުލޫމާތު ލިބިގެން އެ ގައުމުގެ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެކެވެ. އެ ބޯޓު ހުއްޓުވީ ގަލްފް އޮފް މަންނާރު ސަރަހައްދުންނެވެ.
އިތުރު ތަހުގީގަށް ބޯޓު އަނބުރާ ޓުޓިކޮރިންގެ ބަނދަރަށް ގެންގޮސްފައިވާއިރު އެ މައްސަލާގައި އެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނީ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވެސް ޑީއާރުއައި އާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވަނީ އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު ޑީއާރުއައި އިން އަތުލައިގެންފަ އެވެ. އެ ފަހަރު ވެސް ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުން ރާއްޖެއަށް ފުރަން އޮތް އެ ޔޮޓުން 12 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.