14 މާޗް 2017 - 06:17

ސެމްސަންގް ގެލެކްސީ އެސް8 ދައްކާލާ ދުވަސް ކިތަންމެ ކައިރި ވެފައި ވިޔަސް ކުޑަ ދުވަސްކޮޅަކަށް ވެސް ކެތްނުވާނެ މީހުން ތިބޭނެ އެވެ. އެހެންވިއްޔާ މިއީ ބަލައިލަން ބޭނުންވެގެން ތިޔަ އުޅޭ ފޯނަށް ވުން ވަރަށް ގާތެވެ. އެއްބަޔަކު ބުނަނީ ޔަގީން ކަމަށެވެ.
ސެމްސަންގުން ދެކުނު ކޮރެއާގައި ދައްކަން ފެށި އެސް8 ގެ އިސްތިހާރަކާ އެކު މިއީ އެ ފޯނު އޮންނާނެ ގޮތް ކަމަށް ވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. އެ އިސްތިހާރުގައި ފޯނެއް ނުދެއްކި ނަމަވެސް ފޯނެއްގެ ބައްޓަމާއި ސްކްރީން ހިމެނޭނެ ސަރަހައްދު ކަމަށް ސިފަވާ ނިޝާނެއް ދައްކަ އެވެ.
މި މަހުގެ 29 ގައި ސެމްސަންގުން ނެރޭނީ އެސް8 އާއި އެސް8 ޕްލަސް ކަމަށް ވަނީ ބެލެވިފަ އެވެ. މި ފޯނުތަކުގެ ސްޕެސިފިކޭޝަން ކަމަށް ބުނާ މައުލޫމާތުތަކެއް ވެސް ވަނީ ލީކުވެފަ އެވެ.
ގެލެކްސީ އެސް8 ގައި 5.8 އިންޗީގެ ޑިސްޕްލޭއެއް އިންނާނެ ކަމަށާއި އެސް8 ޕްލަސްގެ ޑިސްޕްލޭ ސައިޒަކީ 6.2 އިންޗި ކަމަށް ބުނެވެ އެވެ. މިއިން ކޮންމެ ފޯނެއްގެ ވެސް ސްކްރީން ރިޒޮލިއުޝަނަކީ 2960 x 2400 އެވެ. އަދި ކޮންމެ ފޯނެއްގެ ވެސް ޑިސްޕްލޭ އަކީ އޯލެޑް އެވެ. މީގެ އިތުރުން ފިޒިކަލް ހޯމް ބަޓަނެއް ނީންނާނެ ކަމަށް ލީކުތަކުގައި ބުނެ އެވެ.
ފޯނުގެ ފަހަތުގައި ކެމެރާގެ އިތުރުން، ހިތުގެ ހިނގުން އަންގައިދޭ ސެންސައަކާއި ފިންގަޕްރިންޓް ސްކޭނައެއް ވެސް އިންނާނެ ކަމަށްވެ އެވެ. ކުރިމަތީ ކެމެރާ 8 މެގަފިކްސެލް އަށް މަތިކޮށްފައި ވިޔަސް މައި ކެމެރާގައި ހަމަ 12 މެގަޕިކްސެލް އެވެ.
މިފަހަރު ހަތް ކުލައަކުން ފޯނު ހުންނާނެ ކަމަށާއި އެއީ ގޯލްޑް، ސިލްވަ، ބްރައިޓް ބްލެކް، މެޓް ބްލެކް، ބްލޫ، އޯކިޑް އަދި ޕިންކް ކަމަށް ވެސް މައުލޫމާތު ފަތުރާފައިވެ އެވެ.
މި ފޯނު އަންނަ މަހުގެ 21 ގައި ވިއްކަން ފަށާނެ ކަމަށް މިހާތަނަށް ވަނީ އެނގިފަ އެވެ.