ރިޔާޒު ހުށަހެޅުއްވި މައްސަލަތައް ކޮމެޓީތަކުން ނުބަލާތީ ކަންބޮޑުވެއްޖެ
ރިޔާޒު ހުށަހެޅުއްވި މައްސަލަތައް ކޮމެޓީތަކުން ނުބަލާތީ ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ ބައެއް ކޮމެޓީތަކަށް ހުށަހެޅުއްވި މައްސަލަތައް، އެ ކޮމެޓީތަކުން ނުބަލާތީ އޭނާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ރިޔާޒް ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ މަޖިލިހުގެ ކޮމެޓީ އަދި މާލިއްޔަތު ކޮމެޓީ އަށް ތަފާތު މައްސަލަތައް ހުށަހަޅުއްވައިފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މައްސަލަތައް އެ ކޮމެޓީތަކުން ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ރިޔާޒް މިރޭ ވިދާޅުވީ ޖަލްސާތައް ނުބޭއްވި ކަމުގައި ވިޔަސް، ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށެވެ. އަދި ކޮމެޓީތަކަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ބައެއް މެމްބަރުން މަޖިލީހަށް ހުށަހަޅާފައި ހުރި މައްސަލަތައް ބަލަމުން އައި ނަމަވެސް، އޭނާ ހުށަހެޅުއްވި މައްސަލަތައް ނުބަލާ ސަބަބާ މެދު ސުވާލު އުފެދެ އެވެ.

"ގިނަ ވާނީ މިދިޔަ މަހު ހުށަހެޅި މައްސަލަތައް. އެކަމަކު އެ މައްސަލަތައް އަދިވެސް ނުބަލާ. މަޖިލިސް ހުއްޓިފައި އޮތަސް ކޮމެޓީތައް ބޭއްވެން ޖެހޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ކޮމެޓީތަކަށް އޭނާ ހުށަހެޅުއްވި މައްސަލަތަކުގެ ތެރޭގައި، ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އާއި ހެލްތު މިނިސްޓްރީން ގަވައިދާ ހިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރުގައި ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރި މައްސަލަ ހިމެނެ އެވެ.

އަދި ބްލެކްމެއިލްގެ ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރާ ކަމަށް ޒައިދުގެ ފަރާތުން ބުނެފައިވާތީ، އެކަން ބަލައިދޭން އޭނާ ހުށަހެޅުއްވި އެވެ.

ހަމައެއާއެކު، ފުލުހުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ނިންމުމަށް ފަހު ވެސް ކުރީގެ މުސާރަ ދެމުން ދާތީ، އެކަން ބަލައިދިނުމަށް ކޮމެޓީއަކަށް ރިޔާޒް މައްސަލަ ހުށަހެޅުއްވި އެވެ.