08 މާޗް 2025 - 12:48

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ، އެ މަސައްކަތް ފެށީ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ލިބެމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.
އެ މަސައްކަތް މިނިސްޓްރީން މިއަދު ހެނދުނު ފެށީ މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
ކާނު ސާފު ކުރުމުގެ މަސައްކަތްތައް މިއަދު އެކި ހިސާބުތަކުގައި ފަށާފައިވާއިރު، މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.
މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން ގެންދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމާ މިނިސްޓްރީން ހަވާލުވުމުން މާލޭގޭ މޭޔަރު އާދަމް އާޒިމް ވަނީ މިނިސްޓްރީއަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އާޒިމް، "އެކްސް" ގައި ވިދާޅުވީ ކާނުތައް ސާފުކުރުމަށް ކޮންމެ ދުވަހަކު ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވެދޭން ނިންމީތީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އަމާޒަކީ ހުރިހާ މުއައްސަސާއަކާއި ރައްޔިތުންގެ އެހީތެރިކަމާ އެކު މާލެއަކީ ރީތި، ސާފު، ފެހި އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ.