13 މާޗް 2017 - 22:13

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ފަހަރު މި ސަރަހައްދުގެ ޓީމުތައް ހިމެނުނަސް އެއްގޮތަކަށް ވެސް ފަސޭހަނުވާނެ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
މާޒިޔާގެ ފުރަތަމަ މެޗުގައި މާދަމާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑާ ދެކޮޅަށް ނުކުންނައިރު މި ގްރޫޕުގައި ދެން އޮތީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި މޯހަން ބަގާން އެވެ.
"އެއް ސަރަހައްދެއްގެ ޓީމުތަކެއް އޮތް ނަމަވެސް މިއީ ފަސޭހަ ގްރޫޕެއްގެ ގޮތުގައި ނުދެން. ހުރިހާ ޓީމަކާ ދެކޮޅަށް ކުޅެން ވެސް އުނދަގޫވާނެ. އެއްވަރެއްގެ ޓީމުތައް މި ގްރޫޕުގައި މިއޮތީ،" އަސަދުﷲ ބުންޏެވެ.
އޭނާ ބުނީ މިއީ ދާދި އެއް ފެންވަރެއްގެ ދެ ޓީމު ކަމަށާއި މެޗުގެ ކުރިން އަޅާ ނުކިޔޭނެ ކަމަށެވެ.
"މާޒިޔާ މި މެޗަކަށް ނުކުންނާނީ މޮޅަކަށް އެ ނޫން ނަތީޖާއަކާ މެދު ނުވިސްނަން. ގައުމީ ޓީމުގެ މެޗުތަކާއި މާޒިޔާގެ މެޗުތައް ތަފާތުވާނެ. މޮޅުވާން ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން،" އަސަދުﷲ ބުންޏެވެ.
ދާދި ފަހުން ނިމުނު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕަށް ފަހު ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބަހާނީ ޑާކާ ލިމިޓެޑް އޮތީ ވަރުގަދަ ކޮށްފައި ކަމަށާއި އެހެން ނަމަވެސް އޭއެފްސީ ކަޕްގައި މާދަމާ ކުޅޭ މެޗުން އެ ޓީމު އަތުން މޮޅުވެވޭނެ ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ ބުނެފަ އެވެ.
ރާްއްޖޭގެ ގައުމީ ޓީމަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުން ތިން ވަނަ ހޯދައިދިން ކްރޮއޭޝިއާގެ ޑްރަގޯ މަމިޗްގެ އިރުޝާދުގެ ދަށުން ކުޅޭ އަބަހާނީ ވަނީ މި މުބާރާތަށް އިތުރު ފަސް ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ބަންގްލަދޭޝް ލީގުގެ ހަތަރު ކުޅުންތެރިންނާއި ބޭރު ޑިފެންޑަރެކެވެ.
އަބަހާނީ ވަނީ ޝެއިހް ކަމާލް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވެފަ އެވެ. މާޒިޔާ ކޯޗު ސެކުލޮސްކީ ބުނީ އެއީ ފަރިތަކުރުމުގެ މުބާރާތަކަށް ވެފައި އިތުރު ކުޅުންތެރިންނާ އެކު އަބަހާނީއާ ދެކޮޅަށް މިހާރު ކުޅެން އުނދަގޫވާނެ ކަމަށެވެ.
"ޝެއިހް ކަމާލް ކަޕަށް ވުރެން މިހާރު އަބަހާނީ އޮންނާނީ މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި. އަހަރެންނަށް އެނގޭ އިތުރު ކުޅުންތެރިން އެ ޓީމާ ގުޅުނުކަން ވެސް. ޓީސީ އަތުން އަބަހާނީ ބަލިވި ނަމަވެސް އެ މެޗުގައި ވެސް އަބަހާނީން ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި. އެހެންވުމުން އަހަރެމެން ނުކުންނާނީ އެ މެޗަށް ތައްޔާރުވެގެން،" ކުރިން ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު މަމިޗްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އޭނާ (މަމިޗް) އަށް ދިވެހި ކުޅުންތެރިން އެނގޭނެ. ހަމައެގޮތަށް އަހަރެންނަށް ވެސް އެބަހުރި އެ ޓީމުގެ ކުޅުންތެރިންގެ މައުލޫމާތު ލިބިފައި އެހެންވުމުން ކަންބޮޑުވުމެއް ނެތް،" ސެކުލޮސްކީ ބުންޏެވެ.
މީގެ ކުރިން ސެކުލޮސްކީ ވަނީ އޭއެފްސީ ކަޕްގެ މިހާރުގެ ފޯމެޓް އުނދަގޫ ކަމަށާއި ޓާގެޓަކީ މެޗަކަށް ފަހު މެޗަކަށް ތައްޔާރުވުން ކަމަށް ބުނެފަ އެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅެން ޖެހުނު ނަމަވެސް ސެކުލޮސްކީގެ ޓާގެޓަކީ މި މެޗުން މޮޅުވުމެވެ.
"އަހަރެމެން ބޭނުންވަނީ މޮޅުވާން. މެޗުން މޮޅުވެވޭނެ ވަރަށް އަހަރެމެން ތައްޔާރުވެއްޖެ. މާޒިޔާގައި އެބަތިބި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން މި ކުޅުންތެރިންގެ ބޭނުން އަހަރެން އެންމެ ފުރިހަމަ އަށް ހިފާނަން،" ސެކުލޮސްކީ ބުންޏެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި މާދަމާ މޯހަން ބަގާން ނުކުންނާނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ޑާކާގައި އަބަހާނީ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 17:10 ގަ އެވެ.