06 މާޗް 2025 - 22:26

މާލޭގެ އެކި ހިސާބުތަކުން ސިޓީ ކައުންސިލުން ގަސް ކަނޑާ މައްސަލާގައި ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ މަގުތަކުން ގަސްކަނޑާ ވީޑިއޯއަކާއެކު އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް، ކައުންސިލުން ހިތުހުރި ގޮތަކަށް ކެނޑުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެކަމުގައި އެ ކައުންސިލުގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް، ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވިލިމާލޭން ކެނޑީ އެ ތަނުގެ ބަސް ރޫޓަށް ދާދިފަހުން ބަދަލު ގެނައުމުން ގަހުގައި ބަސް ޖެހި، އެ އުޅަނދުތައް ހަލާކުވާތީ އެމްޓީސީސީން އެދިގެން ކަމަށެވެ.
"އާ ގަސް ޖަހާނަން އަންނަ ހަފުތާގައި." އާޒިމް ވިދާޅުވި އެވެ.
ގަސް ކަނޑާ މައްސަލައިގައި ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ ތާރު އަޅައިގެން އަމީނީމަގު ހަދަން އެ ތަނުން ގަސް ކެނޑުން ހުއްޓުވަން ވެސް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެކަމަކު އާރުޑީސީއާ ދެކޮޅަށް 2022 ވަނަ އަހަރު ނަޝީދު ހުށަހެޅުއްވި މައްސަލަ ކާމިޔާބެއް ނުވި އެވެ.
މަގުގެ ދެ ފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކާ އެކު އަމީނީމަގަކީ މާލޭގައި އެންމެ ފެހިކޮށް އޮތް އެއް މަގެވެ. އެ މަގުގައި އޭރު 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަސްތައް ވެސް ހުއްޓެވެ.