06 މާޗް 2025 - 16:41

ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ނުވަތަ މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ އެންމެންނަށް ހުޅުވާލަން އެމްޓީސީސީން މިއަދު ނިންމައިފި އެވެ.
އެ ކުންފުނީގެ އިސްވެރިއަކު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ނިންމެވުމެއްގެ ދަށުން އެ ގޮތަށް ނިންމެވީ ރަށްރަށުން މާލެ އަށް އަންނަ މީހުންނަށް ލުއިގޮތެއް ހަމަޖެއްސެވުމަށް ކަމަށެވެ.
އެމްޓީސީސީން ބުނީ، އެ ދެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން މި މަހުގެ 10 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހެނީ[email protected]އަށް އީމެއިލް ކޮށްގެންނެވެ. އަދި 7978865 އިން އިތުރު މައުލޫމާތު ސާފުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ، މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރަން ފުރުސަތު ދެނީ ފަސޭހައަކަށް ކަމަށެވެ.
"އެމްޓީސީސީ ފެރީތައް މިހާރު ވެސް އެ ދެ ބަނދަރަށް ގާތްކުރޭ. އެހެންވީމާ ސިސްޓަމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެތީ ޝައުގުވެރިފާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ. ރަޖިސްޓަރީ ކުރުމަށް ފަހު، ހަމަ އެ ދެ ބަނދަރަށް ކޮންމެ ލޯންޗު ފެރީއަކަށް ވެސް ގާތްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާލެ އަށް ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން ފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމުގެ ޝަކުވާތައް ވެސް ވަރަށް ބޮޑެވެ.