06 މާޗް 2025 - 16:42

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތުން ޖަވާބު ދޭންޖެހޭ މުއްދަތު ހަމަނުވާ ކަމަށާއި ދޭންޖެހޭ ދީފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތުގައި ޖަވާބު ނުދޭ ކަމަށް ބުނެ އުޝާމްއާ މެދު ފިޔަވަޅު އަޅައިދޭން އަލީ ހުސައިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނަން ޖެހެނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ ކަމަށާއި އެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުން ދޭންޖެހޭ ޖަވާބު ފޮނުވާފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
އަލީ ހުސައިން މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލަން ކަމަށް ވެސް އުޝާމްގެ ޓްވީޓްގައިވެ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމުން އެ މައްސަލާގެ އަޑުއެހުމެއް އޭގެފަހުން މިހާތަނަކަށް ނުބާއްވަ އެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.