ރެއާލްގެ ކާމިޔާބީ އެއް މުބާރާތުން ވަޒަނެއް ނުކުރެވޭނެ: އެންރީކޭ
ރެއާލްގެ ކާމިޔާބީ އެއް މުބާރާތުން ވަޒަނެއް ނުކުރެވޭނެ: އެންރީކޭ

ބާސެލޯނާ (މެއި 6) - ރެއާލް މެޑްރިޑްގެ ކާމިޔާބީ ވަޒަންކުރަންވީ ފާއިތުވި އަހަރުތަކުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި ހޯދި ކާމިޔާބަށް ބަލައިގެން ނޫން ކަމަށާއި އެހެން މުބާރާތްތަކުގައި އެ ޓީމުން ނެރުނު ނަތީޖާތަކަށް ވެސް ބަލަންޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-0 އިން ހޯދި މޮޅާ އެކު ރެއާލަށް ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭ ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑުވެފަ އެވެ. ނަމަވެސް އެ ޓީމަށް އެންމެ ފަހުން ސްޕެނިޝް ލީގު ލިބުނީ 2012 ވަނަ އަހަރު އެވެ.

"ޗެމްޕިއަންސް ލީގަކީ ރެއާލްގެ ކާމިޔާބީގެ އެއް ފަރާތް. އެކަމަކު ހަމައެކަނި އެ މުބާރާތުގެ ނަތީޖާ އަށް ބަލައިގެން ރެއާލްގެ ކާމިޔާބީ ވަޒަންކުރުމަކީ ރަނގަޅު ގޮތެއް ނޫން. އެހެން ހުރިހާ މުބާރާތެއްގައި ރެއާލުން ނެރުނު ނަތީޖާތަކަށް ވެސް ބަލަންޖެހޭ،" އެންރީކޭ ބުންޏެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ މި ވަގުތު އޮތީ ރެއާލާ އެއްވަރަށް ޕޮއިންޓު ހޯދައިގެންނެވެ. ބާސެލޯނާ އަށް 35 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން 81 ޕޮއިންޓް ހަމަކުރީ 34 މެޗުންނެވެ. ބާސެލޯނާ އަށް ކުރިލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލް ރަށުން ބޭރުގައި ކުޅޭނީ ގްރަނާޑާއާ އެވެ. ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.

"ކުރިއަށް ހުރި ކޮންމެ މެޗެއް ބާސެލޯނާ އަށް މުހިއްމު. މީގެން ކޮންމެ މެޗަކީ ވެސް ފައިނަލެއް. މެޗު ގިނައިން ކުޅެގެން ކުރީގައި އޮތް ނަމަވެސް އަހަރެން ދެކެނީ ރެއާލަށް ވުރެން ކުރީގައި އޮތުން މުހިއްމީ. ފަހު ވަގުތާ ޖެހެންދެން ވެސް މަގާމު ދިފާއުކުރަން މަސައްކަތް ކުރާނަން،" މި ސީޒަނަށް ފަހު ބާސެލޯނާ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ އެންރީކޭ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ބާސެލޯނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަސްޕެންޝަން ހަމަކުރުމަށް ފަހު ނޭމާ ޓީމާ ގުޅިފައިވުމެވެ.