06 މާޗް 2025 - 11:15

ރޯދަ ވީއްލާ ގަޑިއަށް މާ ބައިވަރު ހެދިކާ ހަދަން ނުވިސްނައި މިއަދު ބަޓާނަޓް ނުވަތަ ބަޓާނާ ހޯދާށެވެ. މިއީ، ރާއްޖޭގެ ދަނޑުތަކުގައި ވެސް ހައްދާ ވަރަށް ފަސޭހަ އިން ލިބެން ހުންނަ ބާވަތެކެވެ.
ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" އެޕިސޯޑްގައި ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) މިއަދު ތައްޔާރުކޮށްދިނީ ސްޓަފްޑް ބަޓާނާ އެވެ. އާއްމުކޮށް ގޭގައި ހުންނަ ބާވަތްތަކުގެ ތެރެއަށް މިއަދު އިތުރުކޮށްލަން ޖެހޭނީ ބަޓާނާގެ އިތުރުން މިންސްޑް ބީފާއި ޗީޒެވެ.
ރޯދަ ވީއްލާ ގަޑި އާއި ތަރާވީހަށް ފަހު ވެސް ކަމުދާނެ މި ރެސިޕީ ތައްޔާރުކުރަން މާ ގިނައިރެއް ނުނަގަ އެވެ.
މިއަދުގެ އެޕިސޯޑުގައި ޑިޓުންބޭންޑްގެ އަހްމަދު ފުރުގާން (ފޫޖީ) މެހްމާނަކާ އެކު "މާކަނަޔޯ" ހުށަހަޅައިދޭނެ އެވެ.
2 ބަޓާނާ (20 މިނެޓް އަވަނުން ފިހެލާފައި)
މިންސްޑް ބީފް
ފިޔާކޮޅެއް
ލޮނުމެދު
މޮޒެރެއްލާ ޗީޒް (ބޭނުން ވަރަަކަށް)
ޗެޑާ ޗީޒް
1 ޖޯޑު ބޭބީ ސްޕިނެޗް
ލައިޓް ސޯޔާ ސޯސް
އޮއިސްޓާ ސޯސް
ސެސެމީ އޮއިލް
ލޮނުކޮޅެއް
ސްޓަފްޑް ސްކޮއަޝް ނުވަތަ ބަޓާނާ ހަދަން، މެދުން ފަޅާފައި އެތެރެ ސަމްސަލަކުން ނުވަތަ ވަޅިން ކޮނެފައި ނަގާލާށެވެ. އޮލިވް އޮއިލްކޮޅަކާއި ލޮނުކޮޅެއް ލާފައި ބަޓާނާ ފުރަތަމަަ އަވަންގައި ފިހެލާނީ އެވެ. ގާތްގަނޑަކަށް 20 މިނެޓް ރަނގަޅުވާނެ އެވެ.
ތެއްޔަކަށް ތެޔޮފޮދެއް އަޅައި ފިޔާކޮޅާއި ލޮނުމެދުކޮޅު މިލުވާލާށެވެ. ދެން އަޅާނީ މިންސްޑް ބީފެވެ. ރޯފިލަންދެން ކައްކާލާށެވެ. އޭގެތެރެއަށް ދެން އަޅާނީ ދެ ސަމުސާގެ ލައިޓް ސޯޔާ ސޯސް އާއި އޮއިސްޓަ ސޯސް އެވެ. ސެސެމީ އޮއިލް އަޅާނީ އެއް ސަމުސާ އެވެ.
ބޭބީ ސްޕިނެޗް އަޅައި ފަތްކޮޅު މިލަންދެން ދެމިނެޓް ބަހައްޓާށެވެ.
އުނދުން ނިއްވާލުމަށް ފަހު، ތައްޔާރުކުރި ބީފް ބަޓާނާ ތެރެއަށް ރީއްޗަށް ފަތުރައި އަވަނަށް ލާނީ އެވެ. ދިހަ ވަރަކަށް މިނެޓަށް ފަހު ނަގައި ޗެޑާ ޗީޒާއި މޮޒެރެއްލާ ޗީޒް އަޅައި މެލްޓްވަންދެން ގާތްގަނޑަކަށް ދެ މިނެޓް ފިހެލާނީ އެވެ.