13 މާޗް 2017 - 16:58

މިހާރު މާލެ އާއި އެކި ރަށްރަށުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާގެ ސަބަބުން މާލޭގެ ބައެއް ޕްރީސްކޫލުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ޝައިން ލާނާސް ޕްރީ ސްކޫލުން ބުނީ މިއަދުން ފެށިގެން ކިޔެވުން ނޯންނާނެ ކަމަށެވެ. އެ ސްކޫލުން ބުނި ގޮތުގައި ސްކޫލް ބަންދު ކުރަން ޖެހުނީ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ބަލިވެ ސްކޫލަށް ނާާދެވި އަދި ބައެއް ދަރިވަރުން ބަލި ޖެހިފައި ހުންނަ އިރު ވެސް ސްކޫލަށް ހާޒިރު ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އެ ސްކޫލުން ބުނި ގޮތުގައި ކިޔެވުން މެދުކަނޑައިލީ، ހުން އައިސް ރޯގާ ޖެހިފައި ތިބޭ ކުދިން ސްކޫލަށް އަންނާތީ ގިނަ ބެލެނިވެރިންތަކެއް ކަންބޮޑުވުން ފާޅު ކުރުމާ ވެސް އެކުގަ އެވެ. ދެން ސްކޫލްގެ ކިޔެވުން ފެށޭނީ މިޑް ޓާމް ބަންދަށް ފަހު މިމަހު 26 ގައި ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
ދޮންދޫނި ޕްރީ ސްކޫލް ވެސް ވަނީ މިއަދުން ފެށިގެން މިޑްޓާމް ބަންދު ނިމެންދެން ބަންދުކޮށްފަ އެވެ. މީގެ އިތުރުން ގަލޮޅު މަދަރުސާގެ ބޭބީ ނާސަރީ އާއި ނާސަރީ ކްލާސްތަކުގެ ކިޔެވުން ވެސް މިއަދުން ފެށިގެން ވަނީ މެދުކަނޑާލާފައި ކަމަށް އެ ސްކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
މާފަންނު މަދަރުސާ އިން ބުނި ގޮތުގައި އެ ސްކޫލްގެ ޕްރީ ސްކޫލް ކުދިން ސްކޫލަށް ހާޒިރުވުމުގައ މާ ބޮޑު ބަދަލެއް ނާންނާތީ އެ ސްކޫލްގެ ކިޔެވުން މެދުކަނޑާނުލައި ކުރިއަށް އެބަދެ އެވެ. އަހްމަދިއްޔާ ސްކޫލުން ބުނި ގޮތުގައި ސްކޫލްގެ ކިޔެވުން މެދުކަނޑައިލުމަށް ސަރުކާރުން އަންގާފައި ނުވާތީ، ކުރިއެކޭ އެއްގޮތަށް މި ހަފުތާގައި ވެސް އެ ސްކޫލްގެ ޕްރީ ސްކޫލް ކުދިންގެ ކިޔެވުން އޮންނާނެ އެވެ.
އައިޖީއެމްއެޗާއި އޭޑީކޭގެ ޑޮކްޓަރުންނާ އެކު އެޗްޕީއޭ އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ސްކޫލްތައް ބަންދުކޮށް، ތަންތަނަށް ފުރުން މަނާކޮށް، އިމަޖެންސީ އިއުލާންކުރާ ހާލަތަކަށް ނުދާ ކަމަށެވެ. މިހާރު އޮތް ހާލަތަކީ، "ވަރަށް ކަންބޮޑުވާން ޖެހޭ ހާލަތަކަށް ބެލުން ރަނގަޅު ނޫން ކަމަށާއި އެޗްވަންއެންވަން އަކީ މިހާރު ނުރައްކާތެރި ބައްޔެއް ނޫން ކަމަށް" ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ހަލުވިކަމާ އެކު ފެތުރެމުން ދާ ހުމާއި އަރިދަފުސް ރޯގާ އާއްމު ގޮތެއްގައި ޖެހެނީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.