05 މާޗް 2025 - 20:52

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އިއްޔެ ވަކިކުރުމާ ގުޅިގެންނެވެ. އޭނާ އަކީ މިފްކޯގެ ތާރީހުގައި ސީއީއޯގެ މަގާމު އަދާކުރެއްވި ހަމައެކަނި ބިދޭސީ ސީއީއޯ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަން ކޮށްފައިވާ ކަމަށެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަން ކުރައްވައިފަ އެވެ. ފަރުހަތު އޭރު ފާހަގަކުރެވުނީ އައިޖީއެމްއެޗުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.