05 މާޗް 2025 - 12:46

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަން ނިންމައިފި އެވެ.
މިދިޔަ މަހުގެ 17ގައި ވެސް ފެނަކައިން ވަނީ ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އައްޑުއަށް 1.8 ކިލޯވޮޓުގެ އާ ޖަނަރޭޓެއް ފޮނުވައިފަ އެވެ.
އެކަމަކު އިއްޔެ ވެސް ރަށުން ކަރަންޓު ކެނޑި އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާއިރު އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ފެނަކައިން ބުނީ އައްޑުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ ދެ މަސް ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާގެ ތެރޭ 1.8 މެގަވޮޓުގެ އިތުރު އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ފެނަކައިން ބުންޏެވެ.
މިދިޔަ މަހު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް ރޯދައިގެ ކުރިން ނިމެނޭ ކަމަށް ބުނެފައިވާއިރު ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް ނިންމާނެ ކަމަށް ވެސް ބުންޏެވެ.
ފެނަކައިން ބުނި ގޮތުގައި ސްޕެއާ ރާއްޖެއިން ބޭރުން ގެނެސް، އެ ޖަނަރޭޓަރު ސެޓް މަރާމާތުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އިތުރު ބޮޑު ކަމެއް ދިމާނުވާ ނަމަ، މިި މަހުގެ 10 ވަނަ ދުވަހު އެ މަސައްކަތް ނިންމައި ހިދުމަތް ދެވޭނެ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އިއްޔެ ކަރަންޓުގެ މައްސަލަ ދިމާވީ ޖެނަރޭޓަރު ސެޓަކަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކުރުމަށް ބޭނުންވާ ސްޕެއާ އައްޑޫގައި އެބަ ހުރި ކަމަށާއި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަރާމާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅު ކޮށްގެން ޖަނަރޭޓަރު ސެޓްތަކުގެ ޕާފޯމަންސް ރަނގަޅުކުރުމާއި ކެޕޭސިޓީ އިތުރު ކުރެވެން އޮތުމުގެ އެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އެކަމަކު އެ މަސައްކަތަކީ ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެނެސްގެން ކުރެވޭނެ ކަމެއް ކަމަށާއި އެތަކެތި ބޭރުން ގެނެސް މަސައްކަތް ނިންމާލުމަށް މަހެއް ނަގާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓު ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވެ މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެ، ޝަކުވާ އިތުރުވީ އެވެ.