އެމްއެސްއެމްގެ ވެޓެރަންސް ލީގު މިއަހަރު ބަކާގެ ހަނދާނުގައި
އެމްއެސްއެމްގެ ވެޓެރަންސް ލީގު މިއަހަރު ބަކާގެ ހަނދާނުގައި

މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ބާއްވަމުން އަންނަ 7v7 ލީގު، މިދިޔަ އަހަރު ކުއްލި ގޮތަކަށް ނިޔާވި، ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހަނދާނަށް ހާއްސަކޮށްގެން ފަށައިފި އެވެ.

އެމްއެސްއެމްގެ ވެޓެރަންސް ލީގު މިއަހަރު ބަކާގެ ހަނދާނުގައި
އެމްއެސްއެމްގެ ވެޓެރަންސް ލީގު މިއަހަރު ބަކާގެ ހަނދާނުގައި

ހެންވޭރު ދަނޑުގައި އިއްޔެ ފެށި މި މުބާރާތް މި މަހުގެ 29ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ބަކާ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ އަހަރުގެ މި މުބާރާތުގައި އެމްއެސްއެމް އަށެވެ.

ލީގުގެ 40 އަހަރުން މަތީގެ ވެޓަރަންސް ބައިގައި ނުވަ ޓީމެއް ވާދަ ކުރާއިރު، 50 އަަަހަރުން މަތީގެ މާސްޓާސް ބައިގައި 8 ޓީމެއް ވާދަ ކުރެ އެވެ.

ވެޓެރަންސް ގުރޫޕް އޭގައި އިއްޔެ މުއިވެޔޮ ފްރެންޑްސް ވަނީ 2-1 އިން މަޑިސްޓާސް ބަލިކޮށްފަ އެވެ. އަދި މާސްޓާސް ގުރޫޕް އޭގެ މެޗުން ސޮކަ ވެޓެރަންސް ވަނީ 5-1 އިން މުއިވެޔޮ ފްރެންޑްސް ބަލިކޮށްފަ އެވެ.

ވެޓަރަންސް ޑިވިޝަނުގައި ހިމެނެނީ، މުއިވެޔޮ ފްރެންޑްސް، މަޑިސްޓާސް، ހައިނަސް، ޓީސީ ސްޕޯޓްސް ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސް، ލެގޫންސް ސްޕޯޓްސް ކްލަބް، ކްލަބް ޕީކޭ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބް އެވެ.

މާސްޓާސް ޑިވިޝަނުގައި ވާދަ ކުރަނީ މުއިވެޔޮ، އެމްއެސްއެމް، ކްލަބް ވެލެންސިއާ، ހައިނަސް، ސޮކަ ވެޓެރަންސް، ލެގޫންސް، ވިކްޓަރީ އަދި ކުޑަހެންވޭރު ޔުނައިޓެޑެވެ.