03 މާޗް 2025 - 20:46

ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން އެކަން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް ރާއްޖެއިން ބުންޏެވެ.
އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި ގާޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށް ރާއްޖެއިން ދެކެ އެވެ.
އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަސް މި މަހުގެ ފުރަތަމަ ދުވަހު ހަމަވުމުން އެ މުއްދަތު ރޯދަ މަސް ނިމެންދެން ދިގުދަންމާލަން ނިންމާފައިވާ ކަމަށާއި އެއީ އެމެރިކާއިން ހުށަހެޅި ގޮތް ކަމަށެވެ.
ނަމަވެސް ހަމާސް އިން ބުނަނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމާ ބެހޭ ދެ ވަނަ މަރުހަލާގެ މަޝްވަރާތައް ކުރިން އެއްބަސްވެފައިވާ ގޮތަށް މިހާރު ފަށަންޖެހޭނެ ކަމަށެވެ. މިއީ ހަމާސް އިން މިނިވަން ނުކޮށް ތިބި އިޒްރޭލު ހުރިހާ ރަހީނުން ވެސް މިނިވަންކުރަން ނިންމާފައިވާ މަރުހަލާ އެވެ.
އިޒްރޭލުން މިހާރު ބުނަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމައިގެން ދެން ކުރިއަށް ދާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށެވެ.