03 މާޗް 2025 - 11:10

ބަދިގެ ލުއިކޮށްލަން މިއަދު އޮތީ ވަރަށް ފަސޭހަ އަދި ސިއްހަތަށް ވަރަށް ފައިދާ ހުރި ރެސިޕީއެކެވެ.
ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ބަނާނާ ބިސްކަޓްސް އެވެ. މި ޝޯ ހުށަހަޅައިދޭ ޑިޓިއުން ބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ބުނި ގޮތުގައި ހެލްތީ މި ރެސިޕީ ހުރިހާ އުމުރުފުރައަކަށް ވެސް ކަމުދާނެ އެވެ.
ބަނާނާ ބިސްކަޓްސް ރެސިޕީއަކީ ފެޒޫ ބުނި ގޮތުގައި ފުށް ނާޅައި ބިސްކޯދެއް ހަދަން ކުރި މަސައްކަތެވެ. ފެޒޫ ޕިސްތާޝިއޯ ބޭނުން ކުރިޔަސް އެ މީހަކަށް ކަމުދާނެ ނަޓްސްއެއް ބޭނުންކުރެވިދާނެ އެވެ.
4 ދޮންކެޔޮ
1 ތަށި ޕިސްތާޝިއޯ ޕައުޑާ
2 ތަށި ސެސެމީ ސީޑްސް
ޑާކް ޗޮކްލެޓް ކޮޅެއް
މި ރެސިޕީގައި ޖެހޭނީ މަޑުގިނީގައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ޗަސްކޮށްފައި ހުރި ދޮންކެޔޮކޮޅާއި ސެސެމީ ސީޑްސް ފުރަތަމަ އަޅާލާށެވެ. އޭގެ ފަހުން ޕިސްތާޝިއޯ ޕައުޑާ އަޅާނީ އެވެ. ބިސްކޯދު ހެދުމުގެ ކުރިން ހިހޫވަންދެން މަޑުކޮށްލަން ޖެހޭނެ އެވެ.
ޑާކްޗޮކްލެޓް ނުވަތަ އެ މީހަކު ބޭނުންވާ ވައްތަރެއްގެ ޗޮކްލެޓް މެލްޓްކޮށްލާށެވެ. މިއީ ބިސްކޯދުގެ އެތެރެއަށް އެޅުމަށެވެ. ވަށްކޮށް ބިސްކޯދު ހަދައި އެތެރެ ފުންކުރުމަށް ފަހު ޗޮކްލެޓްކޮޅު އަޅާލާނީ އެވެ.