03 މާޗް 2025 - 05:34

ރަޝިޔާ އާއި ޔުކްރެއިންގެ ތިން އަހަރުވީ ހަނގުރާމަ އެއް މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ފްރާންސާއި އިނގިރޭސިވިލާތުން ހުށަހަޅަން ނިންމައިފި އެވެ.
ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދެބަސްވެ ބޮޑު ޒުވާބަކަށް ދިޔަ މައްސަލައަށް ފަހު ލަންޑަނުގައި ބޭއްވި ކުއްލި މަޝްވަރާތަކަށް ފަހު މި ދެ ގައުމުން ހުށަހަޅަން ނިންމީ ވައިގެ މަގުންނާއި ކަނޑުގެ ސަރަހައްދުގައި އަދި ހަކަތައިގެ އިންފްރާސްޓްރަކްޗާތަކަށް ދޭ ހަމަލާތައް މެދުކަނޑާލުމަށެވެ.
ފްރާންސްގެ ލެ ފިގާރޯ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވިދާޅުވީ، މިފަދަ މިގޮތަށް ހަމަލާތައް މެދުކަނޑާލުމަކުން އަދި އެއްގަމު މަގުން ކުރާ ހަނގުރާ މެދުކަނޑާލިކަން ވެސް ކަށަވަރު ވެސް ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ހިނގަނީ ވަރަށް ބޮޑު ސަރަހައްދެއްގައި ކަމަށާއި އެހެންވެ އެއްބަސްވުމެއް ތަންފީޒުކުރެވޭކަން ނުވަތަ ނޫންކަން ވެސް ކަށަވަރުކުރަން ވަރަށް ދަތިވާނެ ކަމަށެވެ.
މެކްރޮން ވިދާޅުވީ ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމަށް ފަހު، ސުލްހަ ބަލަހައްޓާ ސިފައިން ހަނގުރާމައިގެ ސަރަހައްދުތަކަށް ފަހުގެ ތާރީހެއްގައި ފޮނުވިދާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ޔުކްރެއިނަށް ޔޫރަޕްގެ ސިފައިން ނުފޮނުވާނެ ކަމަށެވެ.
މެކްރޮން ވަނީ ރަޝިޔާއާ ގުޅޭ ގޮތުން އެމެރިކާގެ ސިޔާސަތަށް އަންނަ ބަދަލުތަކަށް އިޖާބަ ދިނުމުގެ ގޮތުން، ޔޫރަޕްގެ ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ޖީޑީޕީގެ 3 - 3.5 ޕަސެންޓަށް އިތުރުކުރުމަށް ވެސް ލަފާ ދެއްވައިފަ އެވެ.
"ރަޝިޔާއިން އެ ގައުމުގެ ޖީޑީޕީގެ 10 ޕަސެންޓް ދިފާއީ ކަންކަމަށް ހޭދަކުރަމުން އަންނަތާ ތިން އަހަރު ވެއްޖެ،" މެކްރޮން ވިދާޅުވި އެވެ. "އެހެންވެ، ދެން ކުރިމަތިވެދާނެ ހާލަތަށް ޔޫރަޕް ވެސް ތައްޔާރުވާންޖެހޭ."
އެހެން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވަނީ ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިޓަލީ އަކީ ވަރުގަދަ ގައުމަކަށް ހަދަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އާދީއްތަ ދުވަހު ބޭއްވި "ކްރައިސިސް ޓޯކްސް" ގައި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ ޔޫކްރެއިންގެ ސުލްހަ ބަލަހައްޓާ އެއްވެސް ބާރަކަށް އިޓަލީގެ އެހީތެރިކަން ލިބޭނެ ކަމަށް ނުބެލުމަށައި، އެއީ "އެޖެންޑާގައި އޮތް ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅުވައި މެކްރޮން ވިދާޅުވީ ފްރާންސާއި ޖަރުމަނާ އެކު ގުޅިގެން މަސައްކަތްކުރާނެ "ވަރުގަދަ އިޓަލީއެއް" ބޭނުންވާ ކަމަށެވެ. -- އޭއެފްޕީ