02 މާޗް 2025 - 12:37

ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:57 ހާއިރު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނުއިރު، ލޯންޗްގައި ތިބީ ލޯންޗުގެ ތިން ކްރޫއިންނާއި 45 ޕަސިންޖަރުންނެވެ.

އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެ ލޯންޗު އަޑިއަށް ދިޔައީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މީހުންތައް ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ.