ފިލްމު "1962 ތެނަދޫ" ހަދަން ޖެހޭ: ރައީސް ނަޝީދު
ފިލްމު "1962 ތެނަދޫ" ހަދަން ޖެހޭ: ރައީސް ނަޝީދު

ގދ. ތިނަދޫން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދުވި ތާރީހީ ހާދިސާގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް "1962 ތެނަދޫ" މަސްލަހަތު ގެއްލިދާނެތީ ނުހަދައި ހުއްޓައިލުމަށް، ހޯމް މިނިސްޓްރީން އަންގާފައި ވަނިކޮށް، އެ ފިލްމު ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދެކުނު ގަޑުބަޑުގެ ތެރެ އިން ތިނަދޫން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދުވި ހާދިސާ އަށް މި އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ތިނަދޫ ރައްޔިތުން ހަދަން ނިންމި ފިލްމު ހުއްޓާލަން އެންގީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކައުންސިލަށް ފޮނުއްވި ސިޓީއެއްގަ އެވެ.

މިކަމާ ގުޅިގެން ތިނަދޫ ކައުންސިލާއި ރަށުގެ ރައްޔިތުންނާއި އަދި ފިލްމީ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ފާޑު ކިއުންތައް ވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހަގީގަތް ވާނީ ހަގީގަތަށް" ކަމަށެވެ.

"ތިނަދޫ ރައްޔިތުންނަށް ކުރިމަތި ކުރި ބިކަ ހާލަކީ ދިވެހިން ލަދުވެތި ވާން ޖެހޭ ހިތާމައެއް،" [1926 ތެނަދޫ] ފިލްމް ހަދަން ޖެހޭ،" ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލުން ބުނީ ރޯދައިގެ ފަހުން ޝޫޓިން ފެށުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް ހޯމް މިނިސްޓްރީން ފިލްމް ހުއްޓުވީ، އޭގެ ހަގީގަތް ބެލުމަށްޓަކައި، ފިލްމްގެ ސްކްރިޕްޓް ކިޔުމަށް ތިނަދު އަށް ޓީމެއް ފޮނުވައިދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.

ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި ކަމާ ނުވެސް ބެހޭ މިނިސްޓްރީއަކުން ފިލްމް ހުއްޓުވާލީ "ތާރީހު އޮޅުވާލަން" ކަމަށް ކައުންސިލުން ބުންޏެވެ.

އަދި މިކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ތިނަދޫ ކައުންސިލުން ބުންޏެވެ.

ތިނަދޫ ކައުންސިލުން ޕްރެޒެންޓްކޮށް ދޭ "1962 ތެނަދޫ" ގެ ޑައިރެކްޓަރަކީ އަބްދުލް ފައްތާހެވެ.