02 މާޗް 2025 - 08:26

މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް ދަތިވެފައިވާތީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.
އެކަމަކު، އައިޖީއެމްއެޗުން ބުނީ، އެ ހަތަރު ހޮސްޕިޓަލްގައި ވެސް އައިޕީޑީގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކުރީ ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ ބަލި މީހުން އެ ތަންތަނަށް ދިއުމުގައި ތަކުލީފަކަށް ވާނެތީ ކަމަށެވެ.
އައިޖީއެމްއެޗާއި ދަރުވަމަންތަ ހޮސްޕިޓަލް ހުންނަނީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުގައި ކަމަށް ވާއިރު، އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި ވެސް އެ ސަރަހައްދުގެ މަގުތައް އޮތީ ފެނުއަޑީގަ އެވެ. ހާއްސަކޮށް އައިޖީއެމްއެޗު ހުންނަ މަގުގެ ހާލަތު ވަކިން ގޯހެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އެކި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.