01 މާޗް 2025 - 15:39

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ނިންމާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް، މި ސަރުކާރުން މިދިޔަ ހަފުތާގައި އާންމުކުރި އާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 31 ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ފޯމު ހުށަހަޅާފައިވާ މީހެއް ނަމަ، އެ މީހެއްގެ ފޯމާ ގުޅޭ ޝަކުވާ "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ލިސްޓުގައިވާ މީހަކާ ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީ އަށް އެޑްރެސްކޮށް ސިޓީއަކުން ހުށަހެޅޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 4004911 އަދި 4004910 އަށް ގުޅޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުން ރިވިއު ކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ. އަދިި ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވެ އެވެ.