01 މާޗް 2025 - 15:23

ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އަށް ބައިނަލްއަގުވާމީ އޮޓޯމޯބައިލް ފެޑެރޭޝަން (އެފްއައިއޭ) ގެ މެމްބަރުކަން ލިބިއްޖެ އެވެ.
ރޭސިން އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، އެފްއައިއޭގެ މެމްބަރުކަން އެ ޖަމިއްޔާއަށް ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު ރުވަންޑާގައި ކުރިއަށް ގެންދިޔަ އެފްއައިއޭގެ އަހަރީ އާއްމު ޖަލްސާގައި ނެގި ވޯޓަކުން ކަމަށެވެ.
ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީން 2011 ވަނަ އަހަރު ވަގުތީ ގޮތުން ބަލައިގަންނަން ނިންމި އެފްއައިއޭ އަށް ވަނީ 2013 ވަނަ އަހަރު، އޮލިމްޕިކް ކޮމިޓީގެ ފުރިހަމަ މެމްބަރުކަން ދީފަ އެވެ.
ރާއްޖޭގެ ރޭސިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހް ވިދާޅުވީ، ބައިނަލްއަގުވާމީ ޖަމިއްޔާގެ މެމްބަރަކަށް ވުމަކީ ރާއްޖޭގައި މޮޓޯ ސްޕޯޓްސްގެ ދާއިރާ ކުރިއަރުވަން، މީގެ ކުރިން ނުލިބޭފަދަ އެތައް ފުރުސަތަކަށް ހުޅުވުނު ދޮރެއް ކަމަށެވެ.
އެފްއައިއޭގެ މެމްބަރުކަން ލިބުމުން މީގެ ކުރިން ރާއްޖޭގައި ނުލިބޭ ވަސީލަތްތަކާއި ތަޖުރިބާގެ އިތުރުން ބައިނަލްއަގުވާމީ ރެކޮގްނިޝަން ލިބޭނެ ކަމަށް ރޭމް އިން ހާމަކުރެ އެވެ.
އޭގެތެރޭގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފްއައިއޭގެ ޑެވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ފުރުސަތުތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެފުރުސަތުތައް ވެސް މަގުފަހިވާނެ އެވެ.
މީގެ އިތުރުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް އެންމެ ރަނގަޅު ގޮތުގައި ހަކަތަ ބޭނުންކޮށްގެން، މޮޓޯ ސްޕޯޓްސް އަށް ހާއްސަ ސަރަހައްދެއް ގާއިމުކޮށް، ޓްރެކާއި ޓްރޭނިން ސެންޓަރުތައް ގާއިމުކޮށް މި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ފުރުސަތު ވެސް ރާއްޖޭގެ އެސޯސިއޭޝަނަށް ލިބޭނެ އެވެ.
ހަމައެއާއެކު ރާއްޖޭގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކުރިއެރުވުމަށް ހޭލުންތެރި ޕްރޮގްރާމްތައް ހިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޮޓޯސްޕޯޓްސް އެތުލީޓުން ތަމްރީނު ކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ރާއްޖޭގެ ރޭސިން އެސޯސިއޭޝަނުން ހާމަކޮށްފައިވެ އެވެ.
ދެހާސް އަށާރަވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން ހިންގާ ރޭސިން އެސޯސިއޭޝަނުން ވަނީ ފާއިތުވި އަހަރުތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ތަރުހީބަކާ އެކު ކާމިޔާބު އެތައް މުބާރާތްތަކެއް ބާއްވައިފަ އެވެ.
ނަމަވެސް އެ އެސޯސިއޭޝަނުން ބާއްވަމުން އަންނަ ރާސް ޗެމްޕިއަންޝިޕްގެ 2024 ވަނަ އަހަރުގެ މުބާރާތް މިދިޔަ ޑިސެމްބަރު މަހު ބާއްވަން އުޅުމުން ފުލުހުން ވަނީ، މުބާރާތް ބޭއްވުމުގެ ހުއްދަ ނެތް ކަމަށް ބުނެ މުބާރާތް ހުއްޓުވައިފަ އެވެ.
ދަތިތަކާ އެކު ވެސް ރާއްޖޭގެ ރޭސިން އެސޯސިއޭޝަންގެ ކްލަބްރަކާއި އެތުލީޓުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށް ކާބުޔާބު ހޯދަމުންނެވެ. އެގޮތުން މިއަހަރު ސްރީ ލަންކާގައި އޮތް ޑްރެގްވޯސް ގައި ވާދަކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ.