01 މާޗް 2025 - 15:07

ރޯދަ މަހުގެ ފުރަތަމަ ދުވަަހު ވަރަށް ގިނަ ގޭގޭގައި ރޯދަ ވީއްލުން ފަށާނީ އެކި ވައްތަރުގެ ކޭކުންނެވެ. ދިރާގާ ގުޅިގެން މި ރޯދަ މަހު "މިހާރު ބަދިގެ" އިން ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ހޭޒަލްނަޓް ކޭކެވެ.
ޑިޓިއުންބޭންޑްގެ ލީޑް އަންހެން ވޯކަލިސްޓް ފާތުމަތު ފެޒްލީން (ފެޒޫ) ހުށަހަޅައިދޭ "މިހާރު ބަދިގޭ"ގެ މި ރެސިޕީ ވަރަށް އަވަހަށް، ފަސޭހަ އިން ތައްޔާރުކޮށްލެވޭނެ އެވެ. މި އެޕިސޯޑުގައި ފެޒޫ ކިޔައިދެނީ މަދު ބާވަތްތަކުން މީރު ކޭކެއް އަޅާނެ ގޮތެވެ.
މި ކޭކު ފިހާކަށް ނުޖެހޭނެ އެވެ. ތައްޔާރުކޮށް ނިންމައި ލާން ޖެހޭނީ ފްރިޖަށެވެ.
1 ޕެކެޓް ބިސްކޯދު (މާރީ ބިސްކޯދު ވެސް ކަމުދާނެ)
1/2 ޖޯޑު ބަޓާ (މެލްޓްކޮށްފައި)
2 ދަޅު ކްރީމް
1 ޖޯޑު ހޭޒަލް ނަޓް (ކުޑަކޮށް މުގުރާފައި)
2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑާ
ގެރިކިރުކޮޅެއް
ޑާކް ޗޮކްލެޓްކޮޅެއް
ހަކުރުކޮޅެއް (ބޭނުން ނަމަ)
ގެރިކިރުކޮޅަށް ފުރަތަމަ، ދެ ސަމުސާ ކޮކޯ ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ. ބިސްކޯދު ކޮޅު ފުނޑުކޮށްފައި އޭގެ ތެރެއަށް އަޅާނީ މެލްޓްކޮށްފައި ހުރި ބަޓަރުކޮޅެވެ. ކޭކު އަޅަން ބޭނުންކުރާ ޓްރޭ ނުވަތަ ތަށީގައި ރަނގަޅަށް ބިސްކޯދުކޮޅު ރީއްޗަށް ފަތުރާލާށެވެ.
ކްރީމްކޮޅު ވިޕްކޮށްލަން ބޭނުން ނަމަ ހަކުރުކޮޅެއް އެޅިދާނެ އެވެ. ނޫން ނަމަ ހަކުރު ނާޅައި ވެސް ވިޕްކޮށްލެވޭނެ އެވެ. އޭގެތެރައަށް އެއްކޮށްލާނީ ކުރިން ތައްޔާރުކުރި ކޮކޯޕަޑަރު ކޮޅެވެ. އެ މީހަކު ބޭނުންވާ މިންވަރަށް ޑާކް ޗޮކްލެޓް މެލްޓްކޮށްފައި އެޅިދާނެ އެވެ.
އޭގެ ފަހުން އޭގެ ތެރެއަށް ހޭޒަލްނަޓް އަޅައި ކުރިން ތައްޔާރުކުރި ބިސްކޯދުގެ މައްޗަށް އަޅާލާނީ އެވެ. ކޭކު ރީތިކޮށްލަން މައްޗަށް ހޭޒަލްނަޓްކޮޅެއް އަޅާލާށެވެ.
މި ކޭކު މަދުވެގެން ދެ ގަޑިއިރު ފްރިޖްގައި ފިނިކުރަން ބަަހައްޓަން ޖެހޭނެ އެވެ.