28 ފެބުރުއަރީ 2025 - 19:30

ރަޝިޔާއާ ދެކޮޅު ނޫން ކަމަށާއި ބޭނުންވަނީ ސުލްހަ ގާއިމުކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދ. ގައި މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގައި ރާއްޖެއިން ވޯޓުން ދީފައިވަނީ މި ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން ހިފަހައްޓަމުން އައި ސިޔާސަތާ އެއްގޮތަށް ޔޫކްރެއިންއާ އެއްކޮޅަށެވެ.
އެ ވޯޓާ ގުޅިގެން ނަޝީދު އެކްސްގައި ވިދާޅުވެފައިވަނީ ރާއްޖެއިން ޔޫކްރެއިންއާ އެއްކޮޅަށް ވޯޓު ދިނުމުން އުފާ ކުރައްވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ އިތުރުން އުތުރު ކޮރެއާއިން ރަޝިއާއާ އެއްކޮޅަށް ވޯޓު ދިނުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.
އެކަމާ ގުޅިގެން، ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ޔޫކްރެއިންއާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދިނުމަކީ ފަހުރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވުމުން ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފަ އެވެ.
ސަފީރަށް ޖަވާބު ދިނުމުގެ ގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ޔޫކްރެއިންގައި ސުލްހަ ގާއިމުކުރުމަށް ތާއީދުކޮށް ދިވެހި ސަރުކާރުން ވޯޓުދިން ކަމަށްޓަކައި ތައުރީފު ކުރައްވައިފަ އެވެ. ނަމަވެސް އެއީ ރަޝިޔާއާ ދެކޮޅަށް ނެގި ސިޔާސަތެއް ނޫންކަން ކަމަށާއި ދެކެން ބޭނުންވަނީ ސުލްހަ ގާއިމްކޮށް، ހަމަޖެހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބަދަލުވަމުންދާ ޖިއޯޕޮލިޓިކްސްގެ ތެރެއަށް ވަންނަން ރާއްޖެއިން ބޭނުންނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވަނީ ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުން ފެންނަ ގޮތަށް ރާއްޖެއަށް އެ ގައުމުން ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައިފަ އެވެ.
ނަޝީދަށް ޖަވާބު ދެއްވައި ސަފީރު ވިދާޅުވީ ރާއްޖެ ހިމެނޭ ގޮތަށް ކޮންމެ ގައުމަކަށް ވެސް ރަޝިއާއިން އިހުތިރާމް ކުރާނެ ކަމަށާއި ޔުކްރެއިން އާއި ގާޒާ އާއި ސީރިއާ ފަދަ ގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް ވެސް ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.