28 ފެބުރުއަރީ 2025 - 19:00

ރެއިން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ.
އެއީ އައިޖީއެމްއެޗާއި ވެސްޓްޕާކް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގެ އިތުރުން ސަލްމާން މިސްކިތް ހުންނަ ސަރަހައްދެވެ.
މޫސުމާބެހޭ އިދާރާ (މެޓް) ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އެހެންވެ، ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތަކާ ގުޅިގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ވެސް ވަނީ ފަށައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް މިއަދު ރީނދޫ އެލާޓް ނެރެފައިވެ އެވެ. އެގޮތުން ހަވީރު 4:00 އިން މިރޭ 8:00 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުރި ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.