ރަމޭޝް ސިއްޕީ އާއި ހެމާގެ ފިލްމު ގަންނާނެ މީހަކު ނުވެފައި
ރަމޭޝް ސިއްޕީ އާއި ހެމާގެ ފިލްމު ގަންނާނެ މީހަކު ނުވެފައި

ޑައިރެކްޓަރު ރަމޭޝް ސިއްޕީ އަކީ މީގެ 20 އަހަރު ކުރިން ބޮލީވުޑްގައި ހުރި އެންމެ ކާމިޔާުބު އަދި އެންމެ މޮޅު މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. އޭނާ އުފެއްދި "ޝޯލޭ" އާއި "އަންދާޒް" އަދި "ސީތާ އައުރް ގީތާ" ފަދަ ފިލްމު ތަކަކީ މިހާތަނަށް ވެސް ވަރަށް ގިނަ ބަޔަކު އެ ފިލްމުތަކެއްގެ ހަނދާން އާކުރާ ފިލްމު ތަކެކެވެ.

ރަމޭޝް ސިއްޕީ އާއި ހެމާގެ ފިލްމު ގަންނާނެ މީހަކު ނުވެފައި
ރަމޭޝް ސިއްޕީ އާއި ހެމާގެ ފިލްމު ގަންނާނެ މީހަކު ނުވެފައި

ނަމަވެސް ބޮލީވުޑަކީ ގިނަ މީހުންނަށް އުފާވެރި ހުވަފެނެއް ފަދަ ހިނދުކޮޅެއް ކަން ރަމޭޝް ސިއްޕީ އަށް ދިމާވި ހާލަތުން ޔަގީންކުރެވެ އެވެ. ކެރިއަރުގެ އެންމެ ކުރީގައި މޮޅު ފިލްމުތައް އުފެއްދި ރަމޭޝް ޝާހްރުކް ޚާނާއި ރަވީނާ ޓަންޑަން ބައިވެރިކޮށްގެން އުފެއްދި "ޒަމާނާ ދީވާނާ" ފްލޮޕްވުމާ އެކު އޭނާގެ ތަރި އޮއްސުނީ އެވެ.

ފިލްމު ފްލޮޕްވުމުން ލިބުނު މާޔޫސްކަމުގައި އިތުރު ފިލްމެއް އުފެއްދުމުގެ ހިތްވަރެއް ނުލިބިފައި ރަމޭޝް ސިއްޕީ 20 އަހަރު ހޭދަކުރި އެވެ. ނަމަވެސް އަނެއްކާވެސް ފިލްމު އުފެއްދުމުގެ މަސައްކަތް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ ފެށި އެވެ. އެއީ ހެމާ މާލިނީ ލީޑް ރޯލަށް ލައިގެން އޭނާ އުފެއްދި "ޝިމްލާ މިރްޗީ" އެވެ.

ނަމަވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ރަމޭޝްގެ މި ފިލްމުވެސް ގަންނަން އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ.

"ޝިމްލާ މިރްޗީ" އަކީ އުމުރުން ދުވަސްވީ އަންހެނަކާއި ޒުވާން ފިރިހެންކުއްޖެއްގެ ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމަކަށް ވާތީ މިއީ ގިނަ ބަޔަކު އެހާ ގަޔާވާ ކަހަލަ ވާހަކައަކަށް ނުވި އެވެ.

މި ފިލްމުގައި ދުވަސްވީ އަންހެންމީހާގެ ބައި ހެމާ ކުޅޭއިރު އޭނާއާ ލޯބީގެ ގޮތުން ގުޅޭ ޒުވާން ފިރިހެން މީހާގެ ރޯލު ކުޅެނީ ރާޖްކުމާރު ރާއޯ އެވެ.

މުސްކުޅިންނާއި ޒުވާނުންގެ ލޯބީގެ ހާދިސާތަކަށް އުފައްދާ ފިލްމުތައް ބޮލީވުޑްގައި އެހާ ރަނގަޅަށް ނުހިނގާކަން ފާއިތުވީތަނުގައި ނުކުމެފައިވާ މިފަދަ ފިލްމުތަކުގެ ނަތީޖާއަށް ބަލާލުމުން ވެސް ޔަގީންވެ އެވެ. "ލަމްހޭ" އާއި "ނިޝަބްދް" ފަދަ ފިލްމުތަކަކީ މިގޮތުން ނާކާމިޔާބުވެފައި ހުރި ފިލްމުތަކެވެ. ނަމަވެސް މި ފިލްމު ތަކުގައި ވެސް ދައްކަނީ މުސްކުޅި ފިރިހެނުން ޒުވާން އަންހެން ކުދިން ދެކެ ލޯބިވެގެން އުޅޭ ތަނެވެ. މުސްކުޅި އަންހެނަކާއި ޒުވާން ފިރިހެން ކުއްޖެއްގެ ލޯބީގެ ވާހަކަ ދައްކުވައިދޭ ހިންދީ ފިލްމެއް އަދި އުފައްދާފައިވާކަމެއް އެނގިފައެއް ނެތެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމު އުފައްދާ ނިމިފައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް ގަންނާނެ މީހަކު ނުވެގެން ރިލީޒް ނުކުރެވިފައި އޮތީކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ނަމަވެސް މި ވާހަކައަށް ފިލްމުގެ ޑައިރެކްޓަރު ރަމޭޝް ސިއްޕީ މި ވާހަކަތަކާ އެއްބަހެއް ނުވެ އެވެ. މިޑް-ޑޭ އަށް އޭނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ ފިލްމު ނިންމާ އެ ފިލްމުގެ ޕްރޮޑިއުސަރު ވައަކަމް ސްޓޫޑިއޯއާ ހަވާލުކޮށްފައިވާ ކަމަށާއި ފިލްމު ރިލީޒްކުރާނެ ދުވަހަކަށް އޭނާ ވެސް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.