28 ފެބުރުއަރީ 2025 - 16:30

މާދަމާ ފަށާ މި އަހަރުގެ ރޯދަމަހާ އެކު އެންމެންގެ އަޒުމަކަށް ވާން ވީ މާޒީ ދޫކޮށްލައި، އަމިއްލަ ނަފުސު އިސްލާހު ކުރަން ކަމަށާއި އެކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ރަސްމީ ފާލަން އާ ޑިޒައިނަކަށް ބަދަލުކޮށް، ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ރޯދަމަހާ ގުޅުވައިގެން ދީނީ ގޮތުން ނަސޭހަތް ދެއްވައިފަ އެވެ.

އެ މަނިކުފާނު އެންމެ ބޮޑަށް ބާރު އެޅުއްވި ކަމަކީ އެންމެން ވެސް އެކަކު އަނެކަކަށް މާފުކުރުމާއި އޯގާތެރިވުމަށެވެ. އަދި އެ މީހެއްގެ އަމިއްލަ ނަފުސު ސާފުކޮށް، އޯގާތެރިވުމަށެވެ.

ރޯދަމަހުގެ ތަހުނިއްޔާ ހުރިހާ ދިވެހިންނަށް ދަންނަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރަނުގެ ފުރުސަތެއް ލިބޭ މަހެއް ކަމަށާއި ހިތުގެ އަޑިން އެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ރޯދަމަހާ އެކު، އެންމެންގެ އުޅުމާއި ގުޅުންތައް އިސްލާހު ކުރަން ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ އޮފީސްތަކުގެ މާހައުލުގައި މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކާ ކުރިމަތިވެފައިވާ ހިތްނުތަނަވަސްކަމެއް އޮތަސް އެ ކަމަކުން އަރައިގަންނަން އަޒުމް ކަނޑައަޅަންވީ. އަޅުގަނޑުމެންގެ ސިޔާސީ މާހައުލުގައި ވިޔަސް އަދި ގައުމީ އެކިއެކި ކަންކަމުގައި ވިޔަސް ދިމާވެފައިވާ ނޫނިއްޔާ ހުރި ހިޔާލު ތަފާތުވުމަކުން ވެސް އަރައިގަނެ އަޅުގަނޑުމެންގެ ގައުމާއި ދީން އިސްކޮށްގެން ކުރިއަށް ދާން އަޒުމް ކަނޑައަޅަންވީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އަބަދު މާޒީގައި ތިބެގެން ލިބޭނެ ކުރިއެރުމެއް ނެތެވެ. އެހެންވެ، މާޒީ ދޫކޮށްލައި ކުރިއަށް ދިއުމުގެ އަޒުމް ކަނޑައަޅަން ރައީސް މުއިއްޒު އެދިވަޑައިގަތެވެ.
"ތިމާގެ އަމިއްލަ ހަޔާތުގައި ތިމަންނަގެ އާއިލާގެ ތެރޭގައި ރަހުމަތްތެރިޔާއާ މެދުގައި އޮފީސްތެރޭގައި މަސައްކަތުގެ މާހައުލުގައި ނުވަތަ ސިޔާސީ މާހައުލުގައި ކުރިން ދިމާވި ކަމެއްގައި ހިފަހައްޓައިގެން ހުރެގެން ކުރިއަކަށް ނުދެވޭނެ. އަބަދުވެސް ބެލޭނީ ފަހަތް. އިސްލާމްދީން ދަސްކޮށްދެނީ ކުރިއަށް ދާން. މާފުކުރަން. އެކުވެރިކަން އާލާކޮށް، ހިތްސާފުކޮށް، ތާހިރު ކުރަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިސްލާމްދީން ދަސްކޮށްދެނީ ތިމާގެ ދުލުން އަނެއް މުސްލިމް އަހާ އަށް އެއްވެސް އުނދަގުލެއް ނުކުރުމަށް ކަމަށެވެ. އެއީ ކީރިތި ރަސޫލާގެ ސުންނަތުންނާއި ހަދީސްތަކުން ސާފުކޮށް ފެންނަން އޮތް ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ތިމަންނަގެ އަތާއި ދުލުގެ ނުބައިކަމުން އަނެއް މުސްލިމް އަހާ، އުހުތާ ސަލާމަތްވެގެން ވާކަން ޔަގީން ކުރުމަކީ ތިމަންނަ މުސްލިމަކަށް ވީތީ ތިމަންނަގެ ޒިންމާއެކޭ. އެކަން ޔަގީން ނުވާހާ ހިނދަކު ތިމާގެ މުސްލިމްކަން ފުރިހަމައެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެހެންވެ ރައީސް ވިދާޅުވީ، ރޯދަމަސް ކުރިމަތީގައި އޮތް އިރު އިސްލާހު ކުރަންވީ ކޮންމެ މީހަކު އެ މީހެއްގެ އަމިއްލަ ނަފުސު ކަމަށެވެ. އެކަމަށް ނިޔަތް ގަނެގެން، ﷲ އަށް ދުއާ ދަންނަވައިގެން ރޯދަމަސް ފަށަން އެ މަނިކުފާނު އެދިވަޑައިގަތެވެ.
"އޭރުން އިސްލާހު ވެގެން ދާނީ ތަރައްގީ ވެގެން ދާނީ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައު. މި ކަހަލަ ކިތަންމެ ފާލަމެއް ކިތަންމެ މަގެއް ހެދިދާނެ. އެހެން ނަމަވެސް ބޭނުމެއް ނެތް، ނިމިގެންދާ އިރު ދުނިޔޭގައި އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ކާމިޔާބެއް ފަލާހެއް ނެތިއްޔާ،" ރައީސް ވިދާޅުވި އެވެ.
"މިއީ އެ ވަގުތަކީ. މާދަން ވެސް ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގޭ އަޅުގަނޑުމެން. މި ތަނުން ފައިބައިގެން ގެއަށް ދެވޭނެ ކަމެއް ވެސް ނޭނގޭ."
ރައީސް ވިދާޅުވީ، އިސްލާހު ވާން ޖެހެނީ އަމިއްލަ ނަފުސަށް ހެޔޮ އެދިގެން ކަމަށެވެ. އޭރުން ގައުމަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.