27 ފެބުރުއަރީ 2025 - 16:06

ނ. ހޮޅުދޫގައި މިދިޔަ އަހަރު ޒަހަމްތަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެ ރަށުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަން ގެއްލުން ދިން ދެ މީހެކެވެ. އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މިދިޔަ ހޯމަ ދުވަހު ހޮޅުދޫގައި ބޮޑު މުޒާހަރާއެއް ކޮށްފައި ވެ އެވެ. މުޒާހަރާގެ ކުރިން މީހުން ވަނީ ޕޮލިސް ސްޓޭޝަނަށް ވަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެ ރޭ ވަރަށް ލަސްވަންދެން ވެސް އެ މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގައި ހޮޅުދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެވެ އެވެ. އޭނާ ހައްޔަރު ކުރަން ވެސް ގޮވާލާފައިވެ އެވެ.
ނަމަވެސް، މިހާތަނަށް ޒަކިއްޔާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ މަރާ ގުޅިގެން ފުލުހުން އެންމެ ފަހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް އެރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ. ޒަކިއްޔާ އޮޓޯޕްސީ ނުހަދައި، އޭނާ ވަޅުލާފައިވުމަކީ ފުލުހުން ހެދި ގޯހެއް ކަމަށް މިނިސްޓަރު އިހުސާން ވެސް ވިދާޅުވެފައިވެ އެވެ.