27 ފެބުރުއަރީ 2025 - 15:49

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.
މި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މި ލިސްޓުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިވެފައިވެ އެވެ.
ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބު ވެސް މި ލިސްޓުގައި ހިމެނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓުތަކެވެ.
ފްލެޓް މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ.
އެގޮތަށް ބެލީ އޭރު ސަރުކާރުން ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ބަލައި، އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގާ ގޮތަށަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާނީ 73 ޕޮއިންޓު ލިބިގެން ކަމަށް އޭރު އޮތީ ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ އެވެ.
މި މަޝްރޫއުގައި އެންމެ ބޮޑަށް ފާހަގަވި މައްސަލަތަކަށް އަލިއަޅުއްވާލަމުން އޭނާ ވިދާޅުވި ގޮތުގައި މާލޭގައި 15 އަހަރު ދުވަހު އުޅުނު ކަމުގެ ލިޔުން ހޯދުމަށް ގޭގެ ވެރިފަރާތުންނާއި ކައުންސިލުތަކުން ސައްހަ ނޫން ލިޔުން ހޯދާފައިވެ އެވެ.
އެ މަޝްރޫއު އޭރު ހުޅުވާލީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރަށް ވުރެ ދުވަސްވެފައިވާ މީހުންނަށެވެ. އެހެންވެ ގިނަ ބަޔަކު ސައްހަ ނޫން ލިޔުންތައް ހޯދި ކަމަށް ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފަހު ވެސް ބުނެފައިވެ އެވެ.
- ދެ ކޮޓަރީގެ ފްލެޓްގެ ކުއްޔާއި މެއިންޓެނަންސް ފީގެ ގޮތުގައި 8،000ރ.
- ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000ރ.
- ތިން ކޮޓަރީގެ ފްލެޓްގެ ކުއްޔާއި މެއިންޓެނަންސް ފީގެ ގޮތުގައި 10،500ރ.
- ތިން ކޮޓަރީގެ ފްލެޓްގެ ސެކިއުރިޓީ ފީގެ ގޮތުގައި 25،000ރ.
މުއްތަލިބު ވިދާޅުވި ގޮތުގައި ބާކީ ހުރި ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާނީ މި މަޝްރޫއުއަށް ކުރިމަތިލި 15،000 މީހުންގެ ފޯމުތައް ބެލުމަށް ފަހު އެވެ. އެކަމަކު އެ މަސައްކަތް ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.