27 ފެބުރުއަރީ 2025 - 12:45

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލައި، ގާނޫނުގެ ވެރިކަމަށް އަނބުރާ ރުޖޫއަވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެންމެ މަތީ ކޯޓުގައި ދުސްތޫރީ މައްސަލައެއް ކުރިއަށް ދަނިކޮށް އެކަމަށް ސިޔާސީ ނުފޫޒު ފޯރުވައި، ހުރިހާ މުއައްސަސާތަކެއްގެ މުސްތަގިއްލުކަން ނަގާލައި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ހުތުރު އަމަލުތަކެއް ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
އެހެންވެ، އެކަންކަން ހުއްޓާލައި ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް އިބޫ ވަނީ ދައުލަތުގެ ވެރިންނަށް ގޮވާލައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިއްޔެ ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ޖޭއެސްސީން ވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ފަހުން، ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީން ވެސް ވަނީ އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފަ އެވެ.
އެ ބިލް ފާސްކުރީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް އިއްޔެ ހެނދުނު ތާވަލް ކޮށްފައި ވަނިކޮށް، އެ އަޑުއެހުން ފެށުމުގެ އިރުކޮޅެއް ކުރިން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
އިބޫ ވިދާޅުވީ ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމާ ދިމާލަށް ކަމަށެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ހައްގުތަކާއި ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބު ކުރަމުން ދަނީ ރައީސްގެ މުށުތެރެއަށް ބާރުތައް އެއްކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން،" އިބޫ ވިދާޅުވި އެވެ.