27 ފެބުރުއަރީ 2025 - 09:28

ތ. މަޑިފުށީގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ރޭޕްގެ ތުހުމަތު ކޮށްފައިވަނިކޮށް، އެ މީހާ ދަންޖެހިގެން އިއްޔެ ރޭ މަރުވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މަޑިފުށީގެ އަންހެނަކު، އުމުރުން 63 މީހެއްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް މިދިޔަ އާދީއްތަ ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހާގެ ބަޔާން ނަގަން މަޑިފުށި ޕޮލިސް ސްޓޭޝަނަށް ވެސް ހާޒިރުކުރި އެވެ. އެ ފިރިހެންމީހާ އޭގެ ފަހުން އަމިއްލަ އަށް ދަންޖެހިގެން މަރުވީ އެވެ. ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މަޑިފުށިން ވާހަކަ ދެއްކި މީހަކު ބުނީ، ދަންޖެހުނު ރޭ ވާގަނޑެއް ހިފައިގެން އެ ރަށުގައި އުޅޭ ބަޔަކަށް ފެނިގެން އެ މައްސަލަ ވެސް ފުލުހުންނަށް އެންގި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޭޕްގެ ތުހުމަތުކުރި އަންހެން މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެމީހާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ، މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ވެސް އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭ އެ އަންހެން މީހާ އަމިއްލައަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. އެކަން ހިނގާފައިވަނީ އެ ގޭގައި އިތުރު މީހަކު ނޫޅޭ ވަގުތެއްގަ އެވެ.
އެ ރިޕޯޓާ ގުޅިގެން އަންހެން މީހާ މެޑިކަލް ޓެސްޓްތަކެއް ހަދާފައިވެ އެވެ. އަންހެންމީހާއަށް ޖިންސީ ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށް އަންހެނުންގެ ޑޮކްޓަރު ފުލުހަށް އަންގާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
ފިރިހެން މީހާގެ މަރާ އެކު މަޑިފުށީގައި އޭނާގެ އާއިލާ މީހުންނާއި ބައެއް ރައްޔިތުން ނުކުމެ އެކަމާ އިއްޔެ ހަވީރާއި ރޭގައި އިހުތިޖާޖު ކުރި އެވެ. އެމީހުން އެއްވީ ރޭޕްގެ ތުހުމަތުކުރި އަންހެން މީހާ ގޭ ކައިިރިއަށެވެ. އެ މީހާ ހައްޔަރުކުރަން ވެސް ގޮވާލާފައިވެ އެވެ.
މަޑިފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިން ވެސް އެ އަންހެން މީހާ އެގޮތަށް ބައެއް މީހުންގެ މައްޗަށް ރޭޕްގެ ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް، ފަހުން އެއީ ދޮގެއް ކަމަށް ބުނެ ރަށު ތެރޭގައި ވާހަކަ ދައްކާފައިވެ އެވެ.
"އެ މީހާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހެއް މިހާރު ވެސް ޖަލުގައި އެބަހުރި،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ މީހާ ބުނިގޮތުގައި ރަށު ތެރޭގައި ކަންބޮޑުވުން އޮތީ ދެ މީހުންގެ ރުހުމުގައި ކުރި ކަމެއް ކުރުމަށް ފަހު، ރޭޕްގެ ތުހުމަތުކޮށް ބޮޑެތި މައްސަލަތައް ރަށު ތެރޭގައި އުފެދި މަސްލަހަތު ގެއްލޭތީ އެވެ.