26 ފެބުރުއަރީ 2025 - 12:54

ކުރިއަށް އޮތް މަހުގައި ރޯދަ ހަދިޔާއެއްގެ ގޮތުން އދ. ދަނގެތީގެ ހުރިހާ ގެއަކުން ކުނި ފީ މާފުކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކައުންސިލުން ކުނި ނެގުމުގެ ހިދުމަތް ދެމުން އަންނަ އެ ރަށުގައި މިހާރު ހިދުމަތް ދެނީ މަހަކު 100ރ. ނަގައިގެން ކަމަށެވެ.
ޓޫރިޒަމާއި ޑައިވިންގައި ފައްކާވަމުން އަންނަ ދަނގެތީގެ 180 އެއްހާ ގޭގެ ކުނި ނެގުމުގެ ހިދުމަތް ކައުންސިލުން ދެ އެވެ. އެކަމަކު ރޯދަ ހަދިޔާއެއްގެ ގޮތުން ރޯދަމަހުގެ ފީ މާފުކޮށްފައިވާ ކަަމަށް މުއާވިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރީ އަހަރެއްގައި ވެސް ވަނީ ކުނި ނެގުމަށް ނަގާ ފީ މާފު ކުރި އެވެ.
މިދިޔަ އަހަރުގެ ރޯދަމަހުގައި ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ދަނގެތީގެ ކައުންސިލުން ވަނީ ރަށުގެ ހުރިހާ ގެއަކަށް މަސް ދަޅާއި އަލަނާސި ދަޅު ހިމެނޭ ގޮތަށް ޕެކެއް ތައްޔާރުކޮށް، ހަދިޔާކޮށްފަ އެވެ.