ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލަށް އަތް ނަގައިގެން ވޯޓަށް އަހަނީ
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލަށް އަތް ނަގައިގެން ވޯޓަށް އަހަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ފާސްކުރަން އަތް ނަގައިގެން ވޯޓަށް އަހަން ނިންމައިފި އެވެ.

ރޯލް ކޯލް ވޯޓެއްގެ ގޮތަށް ބިލަށް ވޯޓަށް އަހަން ނިންމީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެންނެވެ.

މަޖިލީހުގެ ރައީސް ވަނީ ކޮންމެ މެންބަރެއްގެ ނަން ވަކިން އިއްވުމަށް ފަހު، ފެންނަ ނުފެންނަ ކަމަށް ވޯޓަށް އައްސވައިފަ އެވެ.

މި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ އިއްޔެ އެވެ. އަދި ޖުޑިޝަރީ ކޮމިޓީން ބިލް އޮތް ގޮތަށް އިއްޔެ ފާސް ކުރުމަށް ފަހު، މިއަދު ހެނދުނު މާބޮޑު ބަހުސެއް ކުރުމެއް ނެތި ބިލްގެ ވޯޓަށް އެހީ އެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ބިލް ބަލައިގަތް ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް، އެ ވޯޓު އޮތް ގަޑީގައި ޕީއެންސީގެ ބައެއް މެންބަރުން ތަޅުމުގައި ވަޑައިގެން ނެތެވެ.

އެކަމާ ހިތްހަމަނުޖެހިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައިވާ ކަމަށް ބައެއް މެންބަރުން "މިހާރު" އަށް ވަނީ ވިދާޅުވެފަ އެވެ. އެ މެސެޖްގައި، ޕާޓީން ވިޕް ނެރެފައި ވަނިކޮށް އެއާ ހިލާފަށް އެއްވެސް ގޮތަކަށް އަމަލު ކުރުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ހިލާފުވި މެންބަރުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. ބިލް ބަލައިގަންނަން އިއްޔެ ވޯޓަށް އެހި ވަގުތު މަޖިލިހުގެ ތަޅުމުގައި ވަޑައިގެން ނެތީ ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާނާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.

ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީގެ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.